ސްރީލަންކާގެ ދައުލަތުގެ ދަރަނިން 10 ބިލިއަން ޑޮލަރު ރީސްޓްރަކްޗަރ ކޮށް ދެއްކުން ފަސްކުރެވޭ ގޮތް އެ ގައުމުން ހަދައިފިއެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އެ ގައުމުގެ ދަރަންޏާ ބެހޭ ގޮތުން އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ދަރަނި ދީފައިވާ ފަރާތްތަކާ އެކު ރީސްޓްރަކްޗަރ ކުރުމަށް މިހާތަނަށް ކުރެވުނު މަޝްވަރާގެ ނަތީޖާ އެއްގެ ގޮތުން 5 ބިލިއަން ޑޮލަރު ސަލާމް ކުރެވޭނެ ކަމަށާއި އެފައިސާ ބޭނުން ކުރާނީ ޑޮލަރުގެ ރިޒާވް މުއްސަނދި ކުރުމަށާއި އިގްތިސާދު ކުރިއެރުވުމަށް ކަމަށެވެ.
ގާނޫނު ހަދާ މަޖިލީހުގައި ލަންކާ ރައީސް ވިދާޅުވީ، 15 މަސްދުވަހުގެ މަޝްވަރާ ތަކަށް ފަހު، 10 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ޗައިނާ އާ ދަރަނި ދީފައިވާ އެހެން ގައުމު ތަކާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
ލަންކާ އިން ދައުލަތުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ފެށީ، ދައުލަތުގެ ރިޒާވް އިން ބޭރުފައިސާ އިންތިހާ އަށް މަދުވެ، ލޯނު ނެގި ފަރާތްތަކަށް އަނބުރާ ދަރަނި ދެއްކޭ ގޮތް ނުވެ އެންމެ ފަހުން އެ ގައުމުގެ ތާރީޚްގައި ގައުމު ބަނގުރޫޓްވި ކަން އިއުލާން ކުރި ހިސާބުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ރައީސް ވިކްރަމަސިންހަ ވިދާޅުވީ، އަލަށް ހެދުނު އެއްބަސްވުން ތަކުން ލަންކާ އަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމަށެވެ. މިގޮތުން ދަރަނި ދައްކަންޖެހޭ މުއްދަތު 8 އަހަރަށް އިތުރު ކުރެވިފައިވާ ކަމަށާއި، އަދި އިންޓަރެސްޓް ރޭޓް 2.1 އިންސައްތަ ނުވަތަ އެއަށްވުރެ ކުޑަ ކުރެވިފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ލަންކާގެ ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ 12.5 ބިލިއަން ޑޮލަރުގެ ބޮންޑް ގަނެފައިވާ ފަރާތްތަކާ އެކު ކުރިއަށްދާ މަޝްވަރާތައް ކަމަށެވެ. އަދި އެ މަޝްވަރާތައް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ކުރިއަށް ދަނީ ޗައިނާގެ ޑިވެލޮޕްމަންޓް ބޭންކުން ނަގާފައިވާ 2.2 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ ބަހުސްއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއީއެމްއެފް) އިން ވަނީ 2.9 ބިލިއަން ޑޮލަރުގެ އެހީ ލަންކާގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ކުރެވޭ މަސައްކަތައް އެހީތެރިވެ ދިނުމުގެ ގޮތުން ކަނޑައަޅާފައެވެ. މި އެޙީގެ ސަބަބުން ދައުލަތައް އިތުރު ކުރެވޭ އާމްދަނީން އާއްމު ޚިދުމަތްތައް ރަނގަޅު ކުރުމާއި، ލަންކާ ފައިސާގެ އަގު ހިފެހެއްޓުމާއި، ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ލަންކާގެ ދަރަނި މުޅިން ރީސްޓްރަކްޗަރ ކުރެވިދާ އިރު، ދަރަނީގެ ބުރަ 16.9 ބިލިއަން ޑޮލަރަށް ކުޑަވެގެންދާނެ ކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.
ލަންކާގެ ސެންޓްރަލް ބޭންކުން ލަފާކުރާ ގޮތުގައި ހުސްވި އަހަރު އިގްތިސާދު ކުރި އެރި ނިސްބަތް 2.3 އިން ސައްތައިގައި ހުރި ނަމަވެސް މި އަހަރު 3 އިން ސައްތަ އަށް އެ ގައުމުގެ އިގްތިސާދު ކުރިއަރާނެއެވެ.