މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަށް ފޯމު ހުށައެޅުމުގައި މާލެ ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.
އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން ބުނީ މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަން އިއުލާނުކޮށްފައިމިވަނީ ފޯމު ފުރުމުގައި ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް ވީހާވެސް ބޮޑަކަށް އެހީތެރިވުމުގެ ގޮތުންކަމަށެވެ.
ފޯމުލުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން މޭޒުތައް ބެހެއްޓުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތާއި ބެހޭ ބަޔާއި އަދި މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައެވެ.
އޯގަސްޓު 1ން ފެށިގެން ސެޕްޓެމްބަރު މަހުގެ 26ށް މި ދެތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 އިން 22:00 އާ ހަމަޔަށް ފޯމު ފުރުމާއި ހުށައެޅުމަށް އެހީތެރިކަން ފޯރުކޮށް ދެމުންގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މާލެ ސިޓީ ކައުންސިލުން ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމިއިރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވެސް ވަނީ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އާންމުންނަށް ޝެޝަންތަކެއް ބާއްވަން ފަށާފައެވެ.
ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅު ހިއްކާ ސަރަހައްދުން 2000 ގޯތި އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ 4000 ފްލެޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 29 ގައެވެ.