މިއަދުގެ ސަރުކާރުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުތަކެއް ނުކުރާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސިޔާސީ ބޭފުޅަކީ އެކަމަނާ ކަމަށާއި، ދިފާއީ ބާރުގެ އޮފިސަރުންނަކީ ސިޔާސީ ބައެއް ނޫން ކަމަށެވެ.
ވުމާއެކު، އެ ފަރާތްތަކަށް ރައްދުވާ ގޮތަށް ބަދު ބަސްތައް ނުބުނުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރު ވަނީ ސިފައިންގެއަށް އެއްވެސް ސިޔާސީ ނުފޫޒެއް ނޯންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން މިއަދު ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުތަކެއް ނުކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ، 2018 އިން ފެށިގެން އެ މަންޒަރު ދައްކުވައިދީފައިވާނެ ކަމަށެވެ.
2018 އިން ފެށިގެން މިއަދާ ހިސާބަށް އައި އިރުވެސް، އެބޭފުޅުންނަށް ހަމަ ޔަޤީންވާނެ އަޅުގަނޑުމެންނެއް އެތާނގައި ތިބެގެންނެއް ޢައިރު ޤާނޫނީ އަމުރެއް ނުކުރާނެކަންމާރިޔާ އަޙްމަދު ދީދީ / ޑިފެންސް މިނިސްޓަރު
މިނިސްޓަރު މާރިޔާ ވިދާޅުވީ މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ސިފައިގެން ހުރިހާ ލެވެލެއްގެ މީހުންގެ ވެސް ބަސް ހޯދައިގެން އެމީހުންގެ ބަސް އަޑުއަހައިގެން ކަމަށެވެ. އަދި ސިފައިން ގޭގެ ކަންކަން ތަންފީޒުކުރަނީ އެންމެންގެ ޚިޔާލާއި މަޝްވަރާގެ މަތިންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން، މިއަދު ސިފައިންގެ ފެންނަނީ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ގަވާއިދުތަކަށް ބޯލަނބައިގެން މަސައްކަތްކުރާ ބައެއްގެ ގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ސިފައިންނާ ދޭތެރޭ ކަންކުރާނެ ގޮތްތައް ލިޔެވި އެ އުސޫލުގެ ތެރެއިން ކަންކުރެވިގެންދާތަން ފެނިގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރެވޭ ގޮތަށް ސިފައިންގެ ބައްޓަން ކުރައްވާނެކަމުގަ އެވެ. އަދި މިސަރުކާރު އައި ފަހުން ސިފައިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ ސިފައިންގެ ފައުޖުތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އަބަދުވެސް ތަމްރީން ކޯސްތަކާއި ރޭންކް ޓްރެއިނިންތައް ހެދެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އުންމީދަކީ މި ފަސް އަހަރު ނިމޭއިރު ޕްރޮފެޝަނަލް، ރައްޔިތުން ލޯބިވާ، ރައްޔިތުންގެ ޚިދުމަތުގައި ރައްޔިތުންގެ ސަލާމަތްތެރިކަމާއި ރައްޔިތުންނާއި އެކީގައި މަސައްކަތްކުރާ ބަޔެއްގެ ގޮތުގައި ބައްޓަންކުރުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި 5 އަހަރު ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އެކަމަށްޓަކައި ދަތިތަކާއި ގޮންޖެހުންތަކާއެކުވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ މަސައްކަތުގެ ތެރެއިން ޑިފެންސް މިނިސްޓްރީއަށްވެސް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނަމުންދާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.