އެމެރިކާގެ ރައީސް ޖޯ ބައިޑަން، ކޮވިޑް-19ން ރަނގަޅުވެ، އައިސޮލޭޝަން ނިންމަވާލައްވައިފިއެވެ.
އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އެއަށްފަހު ހުންނެވީ އައިސޮލޭޝަންގައެވެ. ނަމަވެސް ބުދަ ދުވަހު ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމާއެކު އައިސޮލޭޝަން މިހާރު ވަނީ ނިމިފައެވެ.
ބައިޑަންގެ ޑޮކްޓަރު ކެވިން އޯ ކޮނަރގެ ސިޓީގައި ބުނެފައިވާގޮތުގައި އަންގާރަ ދުވަހުގެ ރޭ ހެދި ޓެސްޓުންނާއި ބުދަ ދުވަހުގެ ހެނދުނު ހެދި ޓެސްޓުންވެސް އެމަނިކުފާނު ވަނީ ކޮވިޑް-19އަށް ނެގެޓިވް ވެފައެވެ. އަދި އެމަނިކުފާނު އައިސޮލޭޝަންގެ ފަސް ދުވަސް ހަމަކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރީން އެންޑް ޕްރިވެންޝަން (ސީޑީސީ)ން އައިސޮލޭޝަނުގެ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަސް ދުވަހެވެ.
ކޯނާގެ ސިޓީގައި ބައިޑަންގެ ހާލުކޮޅު ރަނގަޅުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮވިޑުގެ އަލާމާތްތައް މަޑުމަޑުން ގެއްލެމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
ނެގެޓިވް ޓެސްޓް ނަތީޖާ ދައްކައި ބައިޑަން ވަނީ ޓްވީޓްވެސް ކުރައްވާފައެވެ. އަދި އެނބުރި އޮފީހަށް ވަޑައިގަންނަވާކަންވެސް އިއުލާން ކުރެއްވިއެވެ.
ޖޯ ބައިޑެންއަށް ކޮވިޑު ޖެހުނީ އެމަނިކުފާނު ވެކްސިން ފުރިހަމަކުރައްވައިގެން ހުންނަވަނިކޮށެވެ. އެމަނިކުފާނު ވަނީ ބޫސްޓަރ ދެ ޑޯޒުވެސް ޖައްސަވާފައެވެ.