ގައުމުން ބޭރަށް ވަޑައިގެން އިސްތިއުފާދެއްވި ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަނބުރާ ގައުމަށް ވަޑައިގަންނަވަން ނިންމަވާފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.
ލަންކާގެ ކެބިނެޓްގެ ތަރުޖަމާނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އަންގާރަ ދުވަހު ގޮތަބަޔާ ލަންކާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު ގައުމުގެ އާންމުންގެ ނުރުހުން އަމާޒުވެ ގޮތަބަޔާ ވަނީ މަގާމުން އިސްތިއުފާދެއްވަން ނިންމަވާ އެކަން އިއުލާންކުރައްވާފައެވެ. އެގޮތުން ޖުލައި 9 ވަނަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭ ވަރްދަނާ ވަނީ އެގައުމުގެ ރައީސް ކަމުގެ މަގާމުން ގޮތަބަޖާ ރާޖަޕަކްސަ ޖުލައި 13 ވަނަ ދުވަހު އިސްތިއުފާދެއްވަން ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ.
އެހެންނަމަވެސް ޖުލައި 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގޮތަބަޔާ ވަނީ ގައުމު ދޫކުރައްވާ ރާއްޖެ ވަޑައިގަންނަވާފައެވެ. އަދި ރާއްޖޭގައި ގާތްގަޑަކަށް 36 ގަޑިއިރު ހޭދަކުރެއްވުމަށްފަހު ގޮތަބަޔާ ވަޑައިގެންނެވީ ސިންގަޕޫރަށެވެ. ގޮތަބަޔާގެ އިސްތިއުފާގެ ސިޓީ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް އަރުވާފައި ވަނީ ސިންގަޕޫރުގައި ހުންނަވައި ޖުލައި 14 ވަނަ ދުވަހުއެވެ.
ޖުލައި 14 ވަނަ ދުވަހު ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތުމާއެކު އެގައުމުން ގޮތަބަޔާއަށް ސިންގަޕޫރުގައި މަޑުކުރެއްވޭނެ ކަމަށް ބުނެފައިވަނީ 14 ދުވަހަށެވެ. މި މަހުގެ 27 ވަނަ ދުވަހަށް އެ މުއްދަތު ހަމަވާނެއެވެ.
ގޮތަބަޔާ ރާޖަޕަކްސަ ލަންކާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވާނެކަން އިއުލާނުކުރެއްވީ އެގައުމުގައި ކުރިއަށް ދިޔަ މުޒާހަރާތައް ހޫނުވެ އެތައް ހާސް ބަޔަކު ރައީސްގެ ގަޑުވަރަށް ވަދެގަނެ އެތައް ހިސާރުކުރުމުންނެވެ. ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ހާލަތާއެކު އެތައް މިލިއަން ބައެއްގެ ނުރުހުން ގޮތަބަޔާ އަށާއި މުޅި ރާޖަޕަކްސަ އާއިލާއަށް އަމާޒުވެގެން ގޮސްފައިވާއިރު، މީގެ ކުރިން ގޮތަބަޔާ ވަނީ އިސްތިއުފާދެއްވުމާ ދެކޮޅު ހައްދަވާފައެވެ.
އެކިފަހަރުމަތިން ތަކުރާރުކޮށް މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށާއި ދައުރު ފުރިހަމަކުރައްވާނެ ކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. ގޮތަބަޔާ ވަނީ ނާކާމިޔާބު ރައީސެއްގެ ގޮތުގައި މަގާމުން އިސްތިއުފާދެއްވާފައި ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށްވެސް ވިދާޅުވެފައެވެ.
ލަންކާގެ ރައީސްކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވުމާއެކު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އައު ރައީސަކު އައްޔަނު ކުރުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން ޖުލައި 20 ވަނަ ދުވަހު މަޖިލީހުގައި ކުރިއަށް ދިޔަ ވޯޓު ލުމަށްފަހު 134 މެމްބަރުންގެ ތާއީދާއެކު ރައީސްކަމުގެ މަގާމަށް އައްޔަނުކުރެވުނީ އޭރު ގައުމުގެ ވަގުތީ ރައީސް ކަމާއި ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހައެވެ.
ރަނިލް ވިކްރަމަސިންގހަ ވަނީ މިހާރު އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ދިނޭޝް ގުނަވަރުދަނާ އައްޔަންކުރައްވާފައެވެ.