އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 20 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 900،808 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 57.5 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 572،123 ފަތުރުވެރިންނެވެ. އެހެންނަމަވެސް މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދަކީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 4.8 އިންސައްތަ ދަށް އަދަދެކެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 946،064 ފަތުރުވެރިން އައިސްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ 1 އިން 20 އަށް 87،597 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ ކޮވިޑް-19ގެ ހާލަތުގެ ކުރިން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 1 އިން 20 އަށް ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 4.9 އިންސައްތަ އިތުރު އަދަދެކެވެ. އެ މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 83،475 ފަތުރުވެރިންނެވެ. އެހެންނަމަވެސް ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މި އަދަދަކީ 42.3 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު 51،574 ފަތުރުވެރިން އައިސްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން 132،151 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސިވިލާތުން އައިސްފައިވާއިރު އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު ވަނީ 104،667 އަށް އަރާފައެވެ. މީގެ އިތުރުން ތިންވަނައިގައި ރަޝިއާ މާކެޓު އޮތްއިރު މިހާތަނަށް އެ މާކެޓުން 94،151 ފަތުރުވެރިން ވަނީ އައިސްފައެވެ. މި ގައުމު ތަކުގެ އިތުރުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ 10 މާކެޓުގެ ތެރޭގައި ޖަރުމަނު، އިޓަލީ، އެމެރިކާ. ފަރާންސް، ސްވިޒަރލޭންޑް، ސައުދީ އަރަބިއާ އަދި ސްޕެއިން ހިމެނެއެވެ.
މިވަގުތު 1،167 ޓޫރިސްޓް އެކޮމޮޑޭޝަން ފެސިލިޓީ އޮޕަރޭޓްކުރަމުންދާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެއީ ޖުމްލަ 57،487 ބެޑް ކެޕޭސިޓީއެވެ. މީގެ ތެރޭގައި ހިމެނެނީ 163 ރިސޯޓާއި، 849 ހޮޓާ އަދި ރެސްޓޯރެންޓުގެ އިތުރުން 155 ސަފާރީއެވެ.
ކޮވިޑް-19އާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. މިއަހަރު ވެސް ރަޝިއާ އާއި ޔޫކްރެއިން ގެ ހަމަނުޖެހުންތަކާ ގުޅިގެން އަހަރުގެ ކުރީ ކޮޅު ފަތުރުވެރިކަމަށް އަސަރު ކުރިނަމަވެސް އެ ޤައުމުން އަލުން ދަތުރުތައް ފެށުމާއެކު އަދަދުތައް އަންނަނީ ރަގަޅު ވަމުންނެވެ. މި އަހަރު ނިމޭއިރު 2019ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އޮތްވަރަށް މާކެޓް ރަގަޅު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އުންމީދު ކުރެއެވެ. އަދި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ.