ކ. މާލެ
|
21 ޖުލައި 2022 | ބުރާސްފަތި 11:15
ރައުދާ އާތިފް
ރައުދާ އާތިފް
ގޫގުލް
ރައުދާގެ މަރު
ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން ބަންގްލަދޭޝްގެ ކޯޓުން ހުކުމްކޮށްފި
ރައުދާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން އަންގާ މިއީ 6 ވަނަ ފަހަރު
ރައުދާ މަރުވީ އަމިއްލައަށް ކަމަށް ކުރީގެ ތަހުގީގުތަކުން ވަނީ ނިންމާފައި

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މަރުވި ދިވެހި ދަރިވަރު، ރައުދާ އާތިފްގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރަން އެ ޤައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގީ އެ ޤައުމުގެ ރާޖްޝާހީ މެޓްރޯޕޮލިޓަން ކޯޓުންނެވެ. މިއީ އޭނާގެ މަރުގެ ތަހުގީގު ކުރުމަށް އެންގި 6 ވަނަ ފަހަރެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް މެގަޒިން ކަމަށްވާ، ވޯގް ގެ މޮޑެލްއެއް ކަމަށްވާ ރައުދާ އުޅުނު ކޮޓަރީގައި މަރުވެފައި ހުއްޓާ ފެނުނީ 29 މާރޗް 2017ގައެވެ. އޭނާ މަރުވީ އުމުރުން 20 އަހަރުގައެވެ.

ރައުދާގެ މަރުގައި ޝައްކުވާ ކަންތައްތައް ހުރި ކަމަށް އޭނާގެ ބައްޕަ މުޙައްމަދު އާތިފް ބުނި ނަމަވެސް ތަހުގީގުތަކުންނާއި އޮޓޮޕްސީތަކުން މިހާތަނަށް އެނގިފައިވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބަންގްލަދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެއީ ރަނގަޅު ތަހުގީގުތަކެއް ނޫން ކަމަށް ބުނެ އާތިފް ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކޯޓުގައި އެދިފައެވެ.

އާތިފްގެ ވަކީލް، އެމްޑީ ނޫރުލް އިސްލާމް ސަރްކަރްއާ ހަވާލައިދީ ބަންގްލަދޭޝްގެ ނޫހަކުން ބުނީ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) ރޭންކުގެ ފުލުހަކާ ހަވާލުކޮށްގެން ރައުދާގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރަން ކޯޓުން އަންގާފައިވާ ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލަ ރާއްޖޭގެ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ވެސް ތަހުގީގު ކުރިއެވެ. އެ ކޮމިޝަނުން އިތުރު މައުލޫމާތުތައް ހޯދުމަށްފަހު މައްސަލަ ނިންމާފައިވަނީ ބަންގްލަދޭޝްގެ ފުލުހުން ނިންމާފައިވާގޮތަށް، ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ. މި ރިޕޯޓް ވެސް ރައުދާގެ އާއިލާއިން ގަބޫލެއް ނުކުރެއެވެ.

ބަންގްލަދޭޝްގެ ފުލުހުން މި މައްސަލަ ތަހުގީގު ކުރުމަށްފަހު ނިންމީ ރައުދާ އަމިއްލައަށް މަރުވީ އޭނާގެ ލޯބިވެރިޔާއާ ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށެވެ. އޭނާގެ ލޯބިވެރިޔާ އަކީ އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނަ މީހެއް ކަމަށް ވެސް ފުލުހުންގެ ރިޕޯޓްގައި ބުނެފައިވެއެވެ.

ފުލުހުން ހެދި އޮޓޕްސީން ރައުދާ އަމިއްލައަށް މަރުވެފައިވާ ކަމަށް ބެލެވޭއިރު އޭނާގެ ފޯނާއި ލެޕްޓޮޕުންނާއި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތުން ވެސް އެކަން ސާބިތުވާ ކަމަށް ބަންގަލްދޭޝްގެ ފުލުހުން ބުނެއެވެ.

- ކޮމެންޓް