ކ. މާލެ
|
20 ޖުލައި 2022 | ބުދަ 21:10
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ނެތިދިއުމުގެ ބިރުހީވެފައިވާ ތަކެތީގެ ބިލު
ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ، ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ބިލު ތަސްދީގުކުރައްވައިފި
މި ބިލަށް އަމަލު ކުރަން ފަށާނީ ގެޒެޓުކުރާތާ 3 މަސް ފަހުން

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ބުދަ ދުވަހު ތަސްދީގު ކުރެއްވި މި ބިލަކީ މިއަހަރުގެ ޖޫންމަހުގެ 30ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ގާނޫނަކީ، ދެމެހެއްޓެނިވިގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިޔުމުގެ ބިރުހީވެފައިވާ، އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ، އަދި އެކްސްޕްލޮއިޓްކުރެވޭ ދިރޭ ތަކެއްޗާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމާބެހޭ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގާނޫނެކެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެއިން 2013 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" ގައުމީ ފެންވަރުގައި ތަންފީޒުކުރުމެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން، ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު ވަނީ ބުދަ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 3 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

- ކޮމެންޓް