ކ. މާލެ
|
20 ޖުލައި 2022 | ބުދަ 12:24
ލަންކާގެ މިހާރުގެ ބޮޑުވަޒީރު އަދި ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހަ ގައުމުގެ އައު ރައީސް ކަމަށް މަޖިލީހުން އިންތިޚާބުކޮށްފި
ލަންކާގެ މިހާރުގެ ބޮޑުވަޒީރު އަދި ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހަ ގައުމުގެ އައު ރައީސް ކަމަށް މަޖިލީހުން އިންތިޚާބުކޮށްފި
ޓްވިޓަރ
ލަންކާގެ އައު ރައީސް
ލަންކާގެ ރައީސްގެ މަގާމަށް ރަނިލް ވިކްރަމަސިންގހަ
އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބިވަޑައިގެންފައިވަނީ 03 ވޯޓް
ދުލަސް އަލަހައްޕެރުމާއަށް ލިބިވަޑައިގެންފައިވަނީ 82 މެމްބަރުންގެ ވޯޓް
ވިކްރަމަސިންގހައަށް ވަނީ 134 މެމްބަރުންގެ ވޯޓް ލިބިވަޑައިގެންފައި

ލަންކާގެ ރައީސްކަމުގެ މަގާމަށް ރަނިލް ވިކްރަމަސިންގހަ ހޮވިވަޑައިގަންނަވައިފިއެވެ.

ވިކްރަމަސިންގހަ ލަންކާގެ ރައީސް ކަމަށް ހޮވިވަޑައިގަންނަވާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ވޯޓަށް ފަހުއެވެ. އެވޯޓުލުމުގައި ވިކްރަމަސިންގހައަށް ވަނީ 134 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންފައެވެ.

ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ ދުލަސް އަލަހައްޕެރުމާއަށެވެ. އެއީ 82 މެމްބަރުންގެ ވޯޓެވެ.

އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބިވަޑައިގެންފައިވަނީ 03 ވޯޓެވެ.

ލަންކާގެ ރައީސްކަމުގެ މަގާމަށް އައު ބޭފުޅަކު އައްޔަނުކުރެވިގެން ގޮސްފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ލަންކާގެ ސިޔާސީ ޕާޓީތަކުން ވަނީ އައު ރައީސަކާއެކު ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވެފައެވެ.

މީގެކުރިން ލަންކާގެ މަޖިލީހުން ވަނީ އަންނަ އަހަރު އެގައުމުގައި ރިޔާސީ އިންތިހާބަކާއި މަޖިލިސް އިންތިހާބެއްވެސް ބާއްވާނެ ކަމަށް ބުނެފައެވެ.

ލަންކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވާފައި ވަނީ އާންމުންގެ ނުރުހުން އަމާޒުވެ ޕްރެޝަރު ބޮޑުވުމުންނެވެ. ގޮތަބަޔާ ރާޖަޕަކްސަ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައި ވަނީ ގައުމުން ބޭރަށް ވަޑައިގެންނެވުމަށްފަހުއެވެ.

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާ އާއެކު އެގައުމުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އާންމު ރައްޔިތުން ބޭނުންވީ ވެރިކަމުގެ އާރާ ބާރުގައި ތިއްބެވި ރާޖަޕަކްސަ އާއިލާގެ ބޭފުޅުންނާއި އެބޭފުޅުންނަށް ވާގިވެރިވާ މީހުން ގައުމުގެ ވެރިކަމުން ފައިބާށެވެ. ލަންކާގެ އާންމުން ގަބޫލުކުރާ ގޮތުގައި ގައުމަށް ދިމާވެފައިވާ ހާލަތުގެ ޒިންމާ ނަގަންޖެހޭ މީހުންނަކީ ގައުމުގެ ވެރިކަމާ ހަވާލުވެ ތިއްބެވި ސިޔާސީ ލީޑަރުންނެވެ.

ލަންކާގެ ރައީސްކަމުގެ މަގާމަށް ވިކްރަމަސިންގހަ ހޮވިވަޑައިގަންނަވާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް ރައީސް ކަމުގެ މަގާމު ދެއްވުމާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާވެސް ކޮށްފައެވެ.

- ކޮމެންޓް