މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އެލްޓީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ގަލޮޅު ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗު ނިމުނީ 1-1ންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ވިކްޓްރީއެވެ. ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެބަނަން ފޯވާޑް ކުޑޫ މުހައްމަދުއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 10 މިނެޓްވީތަނާ އެލްޓީގެ އިސްމާއިލް ވިފާގް ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިއާއެކު ވިކްޓްރީން ވަނީ ލަނޑެއްޖަހާ ލީޑު ނަގަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވިއެވެ. އެލްޓީން ބޮޑަށް މަސައްކަތްކުރީ ބައިކޮޅަށް ލަނޑެއް ވަނަނުދީ މެޗު ނިންމާލުމަށެވެ.
މުބާރާތުގައި ވިކްޓްރީ ކުޅުނު ފުރަތަމަ މެޗު ބީޖީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ކާމިޔާބުކުރީ 2-1ންނެވެ. އެލްޓީގެ ފުރަތަމަ މެޗުގައި ލޮރެންޒޯގެ މައްޗަށް އެޓީމު ކުރިހޯދީ 5-0ންނެވެ.
މުބާރާތުގައި ބުދަ ދުވަހު ހަވީރު ބައްދަލުކުރާނީ ކްލަބް ޓީނޭޖާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ. ރޭގަނޑު އޮންނާނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާއި ލޮރެންޒޯ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ. މި ދެމެޗުވެސް ކުޅޭނީ ގަލޮޅު ދަނޑުގައެވެ.