ޓޮރީނޯއަށް ކުޅެމުންއައި ގްލެސަން ބްރީމާ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބްރީމާ ޔުވެންޓަސްއަށް ބަދަލުވާން ޓޮރީނޯއިން އެއްބަސްވީ 40 މިލިއަން ޔޫރޯގެ އިތުރުން ހަތް މިލިއަން ޔޫރޯގެ އެޑްއޮންސް ހިމެނޭ ބިޑަކަށެވެ. ޔުވެންޓަސްއިން ބްރީމާ ހޯދުމުގެ ރޭހުގައި ކުރިހޯދީ އިންޓަ މިލާނުންވެސް އޭނާ ހޯދުމަށް ޓޮރީނޯއަށް ބިޑްކޮށްފައި ވަނިކޮށެވެ.
ބްރީމާ ޔުވެންޓަސްއަށް ބަދަލުވާން ނިންމީ ފަސް އަހަރުގެ މުއްދަތަކަށެވެ. މި އެއްބަސްވުމުގެ ދަށުން އަހަރެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ފަސް މިލިއަން ޔޫރޯ އޭނާއަށް ލިބޭނެއެވެ.
ޔުވެންޓަސްއިން ބްރީމާ ހޯދީ ކްލަބު ދޫކޮށް ދިޔަ މެތިއުސް ޑިލައިޓް ނެތްތަން ފޫބެއްދުމަށެވެ. ޑިލައިޓް ވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގައި ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވެފައެވެ.