ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 20:16
ރަނިލް ވިކްރަމްސިންހަ
ރަނިލް ވިކްރަމްސިންހަ
ގޫގުލް
ވިކްރަމަސިންގހައާ ދެކޮޅަށް މުޒާހަރާކުރުން
ވިކްރަމަސިންގހަ ގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމާ ދެކޮޅަށް ލަންކާގައި މުޒާހަރާކޮށްފި
ލަންކާގެ އައު ރައީސް އައްޔަނުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ވަނަ ދުވަހު
މިވަގުތު ގައުމުގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީވެސް ވިކްރަމަސިންގހަ
މިވަގުތު މަޖިލީހުުގައި ތިއްބެވި ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅަކީ ވިކްރަމަސިންގހަ

ލަންކާގެ ރައީސް ކަމުގެ މަގާމާ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ހަވާލުވެވަޑައިގަތުމާ ދެކޮޅަށް ލަންކާގައި މުޒާހަރާކޮށްފިއެވެ.

އަންގާރަ ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ އެގައުމުގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ ތިން ބޭފުޅުންގެ ނަން ހާމަކޮށްފައެވެ. އެއީ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައާއި ދުލާސް އަލަހައްޕެރޫމާގެ އިތުރުން އަނުރާ ކުމަރަ ދިސަނަޔަކެއެވެ.

މިއާއެކު އަންގާރަ ދުވަހު ލަންކާގެ ދަރިވަރުންނާއި ޓްރޭޑް ޔޫނިއަންތަކާއި އިތުރު ގްރޫޕްތަކުން ވަނީ ވެރިރަށް ކޮލޮމްބޯގައި ވިކްރަމަސިންގހަ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. މިވަގުތު ގައުމުގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީވެސް ވިކްރަމަސިންގހައެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިންވަނީ ވިކްރަމަސިންގހަ މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާފައެވެ.

މިފަހުން ވިކްރަމަސިންގހަ ވަނީ ގައުމުގައި ސުލްހަ ގާއިމުކުރުމަށް ހުރިހާ ސިޔާސީ ޕާޓީތައް އެކުލެވޭ ވަގުތީ ސަރުކާރެއް ގާއިމުކުރުމަށް ފުރުސަތުދެއްވުމަށް މަގާމުން އިސްތިއުފާދެއްވަން ތައްޔާރަށް ހުންނެވިކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް މިވަގުތު މަޖިލީހުުގައި ތިއްބެވި ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅަކީ ވިކްރަމަސިންގހައެވެ.

ލަންކާގެ އައު ރައީސް އައްޔަނުކުރުމަށް ހަމަޖެހިފައި ވަނީ ޖުލައި 20 ވަނަ ދުވަހުއެވެ. އަދި އަންނަ އަހަރުގެ މާޗު މަހު އެގައުމުގައި ރިޔާސީ އިންތިޚާބަކާއި މަޖިލިސް އިންތިޚާބެއް ބާއްވާނެކަމަށް ވަނީ ބުނެފައެވެ.

ލަންކާގެ ރައީސްކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

- ކޮމެންޓް