ލިއޮނަލް މެސީ ދޫކޮށްލަން ސްޕެއިންގެ ބާސެލޯނާއިން ނިންމުމުން، އެންމެ ފުރަތަަމަ އެކަން ޤަބާލުކުރަން ދަތިވިކަމަށް ސާޖިއޯ އަގުއޭރޯ ބުނެފިއެވެ.
ބާސާއިން ވަނީ މެސީގެ އެއްބަސްވުން އައު ނުކުރެވުމާ ގުޅިގެން 2021 ވަނަ އަހަރު އޭނާ ދޫކޮށްލަން ނިންމާފައެވެ. އެއާއެކު މެސީ ބަދަލުވީ އޭނާގެ މިހާރުގެ ކުލަބް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށެވެ.
މެސީއާއެކު އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެފައިވާ އަގުއޭރޯ އަކީ މެސީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކުޅުންތެރިޔެކެވެ. އަގުއޭރޯ ބުނީ މެންޗެސްޓަރ ސިޓީ ދޫކޮށް ބާސާއަށް ބަދަލުވާން އޭނާ ނިންމީ މެސީއާ އެއް ކުލަބަކަށް ކުޅުމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް ބާސާއިން މެސީ ދޫކޮށްލަން ނިންމި ކަމަށާއި، އެއީ އޭނާއަށް ޤަބޫލުކުރަން ދަތިކަމަށްވި ކަމަށް އަގުއޭރޯ ބުންޏެވެ.
އަގުއޭރޯ ބުނީ އޭނާ ރައްޓެއްސަކާއެކު ވަގުތު ހޭދަކުރަމުން ދަނިކޮށް، ރައްޓެހި މީހާ އޭނާގެ ފޯނު ބަލާލިކަމަށެވެ. އެއަށްފަހު ވަރަށް ބޮޑަށް ހައިރާންވެހުރެ، މިއީ ތެދެއްތޯ އަހައި އަގުއޭރޯއަށް ފޯނު ދެއްކި ކަމަށެވެ. އޭރު އޭނާގެ ފޯނުން ފެންނަން ހުރީ މެސީ ދޫކޮށްލަން ނިންމައި ބާސާއިން ކުރި އެނައުންސްމެންޓުކަން ފާހަގަކޮށް އަގުއޭރޯ ބުނީ، އެންމެ ފުރަތަމަ އޭނާ ހީކުރީ ބަޔަކު ބާސާގެ ސޯޝަން ނެޓްވޯކް ހެކް ކުރީ ކަމަށާއި، އެއީ ޖޯކެއް ކަމަށް ޤަބޫލުކުރެވުން ކަމަށެވެ.
ސިޓީ ދޫކޮށް އަގުއޭރޯ ބާސާއަށް ބަދަލުވުމުން ގިނަ މީހުން ޤަބޫލުކޮށްގެން ތިބީ މެސީ އާއި އަގުއޭރޯ އެއް ކުލަބަކަށް ކުޅޭ މަންޒަރު ފެންނާނެކަމަށެވެ. ނަމަވެސް މެސީ ދޫކޮށްލަން ބާސާއިން ނިންމުމުން އޭނާއާ އެއް ޓީމަކަށް ކުޅުމުގެ ފުރުސަތު އަގުއޭރޯ އަށް ވަނީ ގެއްލިފައެވެ. ބާސާއަށް ބަދަލުވެ އަގުއޭރޯ އަށް އެ ޓީމާއެކު ކުޅެވުނީ ފަސް މެޗެވެ. ފަސް މެޗުގައި އޭނާއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެވެ. ޞިއްހީ މައްސަލައަކާ ގުޅިގެން ޑަކްޓަރުންގެ އިރުޝާދުގެ ދަށުން އަގުއޭރޯ ވަނީ ފުޓުބޯޅަ ކުޅުން ހުއްޓާލާފައެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އަގުއޭރޯ ވަނީ ބާސާއިން މެސީ ދޫކޮށްލި ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.
މެސީ ދޫކޮށްލަން ބާސާއިން ނިންމުމަކީ އެތައް ބަޔަކަށް ހައިރާންކަމެއް ލިބުނު ކަމެކެވެ. ބާސާއިން މެސީ ދޫކޮށްލީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ އުސޫލުތަކުގެ ތެރެއިން އޭނާގެ އެއްބަސްވުން އައު ނުކުރެވުމުންނެވެ. މެސީ އަކީ ބާސާގެ ތާރީޚުގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ ބާސާއަށް ކުޅެދިން 778 މެޗުގައި 672 ލަނޑު ޖަހާފައެވެ. މީގެ އިތުރުން މެސީ ވަނީ ބާސާއާއެކު ޔޫރަޕުގެ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.