ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ޤާނޫނަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް ޢާންމުކުރާއިރު، އެ އުފެއްދުންތަކާ އެކަށީގެންވާ ޢުމުރުފުރާތަކަށް ކަނޑައެޅޭ ގިންތިތަކަށް ފެތޭގޮތަށް ޢާންމުކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކަކީ އެ އުފެއްދުމެއް ޢާންމުކުރާއިރު އެ އުފެއްދުމަކާ އެކަށީގެންވާ ޢުމުރުފުރާއަކަށް ކަނޑައެޅޭ ގިންތިއަކަށް ފެތޭގޮތަށް ޢާންމުކުރެވޭ އުފެއްދުންތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް އެކަށައެޅުމެވެ.
މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށް، މި ޤާނޫނު ތަންފީޒުކުރާނީ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުންކަމުގައި ކަނޑައަޅާފައިވެއެވެ.
މި ބިލު ޤާނޫނަކަށްވެ އަމަލުކުރަން ފެށުމުން ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ބިލު (ޤާނޫނު ނަމްބަރު:12/2022) ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު (ނަންބަރު 2008/6) ގެ ދަށުން ގެ ޖަދުވަލު 1 ގައި ހިމެނޭ،"ގިންތި ކަނޑައެޅުމާއި، ދަރަޖަކުރުމުގެ ގަވާއިދު" އާއި "ރީބްރޯޑްކާސްޓްކުރާ ޗެނަލް ކްލެސިފައިކުރުމުގެ ގަވާއިދު" އާއި "ދިވެހިރާއްޖޭގައި ޝާއިޢުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު" އުވިގެންދާނެކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.