" އަހަރެންގެ ޤައުމަށް ޚިދުމަތް ކޮށްދިނީ ޤާބިލިއްޔަތުކަން ތަންދިން އެންމެ ބޮޑަށް، ކުރިއަށް އޮތް ތަނުގައިވެސް ޚިދުމަތް ކުރުން މަތީ ދެމި ހުންނާނަން"ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާގެ އިސްތިއުފާގެ ސިޓީފުޅުގައި ބަޔާން ކުރައްވާފައިވެއެވެ. މި ސިޓީފުޅު ހޮނިހިރު ދުވަހު މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގައި ވަނީ އިއްވާފައެވެ.
ރައީސްކަމުގެ މަޤާމު އިއުލާނު ކުރެއްވުމަށް ހޮނިހިރު ދުވަހު ބޭއްވި މި ޖަލްސާގައި ސިޓީފުޅު އިއްވާފައިވާއިރު، ގޮތަބަޔާ ވަނީ އެ ޤައުމަށް ދިމާވެފައިވާ އިޤްތިސާދީ ޙާލަތަކީ ކޮވިޑް-19 ބަލިމަޑުކަމާއި، އެކަމުގެ ސަބަބުން ކުރަންޖެހުނު ފުރަބަންދުގެ ސަބަބުން މެދުވެރިވި ކަންކަން ކަމަށް ވިދާޅުވެފައެވެ.
ގޮތަބަޔާ ވިދާޅުވާ ގޮތުގައި ރައީސްކަމުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި މުޅި ދުނިޔެ ކޮވިޑުގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނެވެ. އެއާ ގުޅިގެން އިޤްތިސާދީ ގޮތުން އިތުރަށް ޙާލަތު ގޯސްވެގެން ދިޔަކަންވެސް ފާހަގަ ކުރެއްވިއެވެ.
އެއަށްފަހު 2020 އަދި 2021 ވަނަ އަހަރުވެސް ޤައުމު ފުރަބަންދުކޮށް، އެތައް ފިޔަވަޅުތަކެއް އަޅަންޖެހުނުކަމަށާއި، އޭރު ބޭރު ފައިސާ ލިބުމުގެ ދަތިކަންވެސް ހަމަ އެދުވަސްވަރު ކުރިމަތިވިކަން ގޮތަބަޔާ ފާހަގަ ކުރެއްވިއެވެ.
އެ ޙާލަތުގައިވެސް ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރައްވާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގޮތަބަޔަ ވަނީ ހުރިހާ ސިޔާސީ ޕާޓީއެއް އެކުލެވޭ ސަރުކާރެއް ޤާއިމު ކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެކަމަށް ވިދާޅުވެ، އެއީވެސް އިޤްތިސާދީ ގޮތުން ވެއްޓެމުން ދިޔަ އަނދަވަޅުން އަރައިގަތުމަށް ކުރެއްވި މަސައްކަތްކަމަށް ސިޓީފުޅުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން، ޤާބިލިއްޔަތުކަން ތަންދިން އެންމެ ބޮޑަށް ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާނެ ކަމަށާއި، އަބަދުވެސް އެގޮތުގެ މަތީގައި ދެމި ހުންނަވާނެ ކަމަށް ގޮތަބަޔާގެ އިސްތިއުފާގެ ސިޓީފުޅުގައި ވިދާޅުވެއެވެ.
ސްރިލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމާއެކު އެގައުމުގެ ވަގުތީ ރައީސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އެވެ. ރައީސްއެއް އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރަންޖެހޭއިރު، އަންނަ ބުދަ ދުވަހު ރައީސްއެއް އައްޔަންކުރުމަށް ވަނީ ނިންމާފައެވެ.
ބުދަ ދުވަހު ބާއްވާ މަޖިލިސް ޖަލްސާގައި ރައީސަކު ހޮވުމަށް ވޯޓު ނެގިގެންދާއިރު، އެގައުމުގެ ސަރުކާރު ހިންގާ މައިޕާޓީ އެސްއެލްޕީޕީގެ ތާއީދު އޮންނާނީ ބޮޑުވަޒީރަށް ކަމަށް އެ ޕާޓީން ވަނީ އިއުލާނުކޮށްފައެވެ.