ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމާއެކު، އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންގހަ ވަގުތީ ގޮތުން ރައީސްކަމުގެ ހުވާކުރައްވައިފިއެވެ.
ރައީސްކަމުގެ ހުވާ ރަނިލް ކުރައްވާފައިވަނީ ހުކުރު ދުވަހުގެ ހެނދުނު އިސްފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާގެ ކުރިފުޅުމަތީގައެވެ.
ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ އިސްތިއުފާ ދެއްވާފައިވަނީ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، އަންގާރަ ދުވަހުގެ ރޭ ދަންވަރު ގައުމުން ބޭރަށް ފިއްލަވާ ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ވަޑައިގެން ރާއްޖޭގައި މަޑުކުރެއްވުމަށްފަހު ބުރާސްފަތި ދުވަހު ސިންގަޕޫރަށް ވަޑައިގެން ހުންނަވައެވެ.
އިސްތިއުފާގެ ސިޓީ ލިބިވަޑައިގަތުމާއެ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔާޕާ އަބޭވަރުދަނާ ވަނީ އެކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ. އަދި ގާނޫނު އަސާސީގައިވާ ގޮތުން އައު ރައީސަކު އައްޔަން ކުރެއްވުމަށް މަސައްކަތް ފައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އައު ރައީސަކު އައްޔަން ކުރުމުގެ މަސައްކަތާއި ރައީސް ގޮތަބަޔާގެ އިސްތިއުފާއާ ގުޅޭ ކަންކަމުގައި ހޮނިހިރި ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.
ސްރީލަންކާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން، މަގާމުގައި ހުންނަވާ ރައީސް އިސްތިއުފާ ދެއްވައިފިނަމަ، އޮޓޮމެޓިކުން ރައީސްކަމުގެ މަސްއޫލިއްޔަތާއި ބޮޑުވަޒީރު ހަވާލުވެވަޑައިގަންނަވަން ޖެހެއެވެ. ނަމަވެސް އިސްތިއުފާގެ ކުރިން ރައީސް ގޮތަބަޔާ ވަނީ އެމަނިކުފާނުގެ ހުރިހާ މަސްއޫލިއްޔަތެއް ރާއްޖޭގައި ހުންނަވާ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންގހައާ ހަވާލުކުރައްވާފައެވެ. އަދި އިސްތިއުފާ ރަސްމީކޮށް ބަލައިގަތުމާއެކު ވަގުތީ ރައީސްގެ މަގާމު، އައު ރައީސަކު އައްޔަން ކުރެވެންދެން ރަނިލް އަދާކުރައްވާނެއެވެ.
ލަންކާގެ ގާނޫނު އަސާސީއާއި އެއްގޮތަށް މަގާމުގައި ހުންނަވާ ރައީސަކު އިސްތިއުފާ ދެއްވައިފިނަމަ، ގާނޫނު ހަދާ މަޖިލީހުން 30 ދުވަހުގެ ތެރޭގައި އައު ރައީސަކު އައްޔަން ކުރައްވާނެއެވެ. އަދި ރައީސްކަމަށް އައްޔަން ކުރައްވާނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ. މީގެ އިތުރުން ވެރިކަމުގެ ދައުރުގެ ބާކީ އޮތް ދުވަސްތައް ރައީސްކަމަށް އައްޔަން ކުރައްވާ ފަރާތެއް ފުރިހަމަކުރައްވަން ޖެހެއެވެ.
ހޮނިހިރު ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު، މަޖިލީހުގެ ރައީސް ވަނީ ކުރިއަށް އޮތް 7 ވަރަކަށް ދުވަހުގެ ތެރޭގައި އައު ރައީސަކު އައްޔަން ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ މެންބަރުންނަށް މަސައްކަތް ކުރެވޭނެ އަމާން މާހައުލެއް ގާއިމްކޮށްދެއްވުމަށް މުޒާހަރާ ކުރަމުން އަންނަ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.