ސްރީލަންކާގައި ވަގުތީ ރައީސްގެ މަގާމު އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައަށް ދެއްވައިފިއެވެ.
ލަންކާގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާ ދެއްވި ބަޔާނެއްގައި ވަނީ ގައުމުގެ ވަގުތީ ރައީސްގެ މަގާމު ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ވިކްރަމަސިންގހައަށް އަރުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވާނެކަމަށް ވަނީ އިއުލާނުކުރައްވާފައެވެ. ބުދަ ދުވަހު އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީފުޅު މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާއަށް އަރުއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، މިހާރު ރިޕޯޓުތައް ބުނާގޮތުން ގޮތަބަޔާގެ އިސްތިއުފާ ސިޓީފުޅު ހުށަހަޅުއްވާނީ އެމަނިކުފާނަށް ގައުމުން ބޭރުން، ރައްކާތެރި މަންޒިލަކަށް ދަތުރުކުރެވުމުންނެވެ. އެގޮތުން ގޮތަބަޔާގެ އިސްތިއުފާގެ ސިޓީފުޅު މަޖިލީހުގެ ރައީސަށް އަރުއްވާނީ ބުދަ ދުވަހުގެ ރޭ، 08:00 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ރައީސް އިސްތިއުފާނުދެއްވާ ގައުމުން ބޭރަށް ފިއްލަވަން މަސައްކަތްކުރައްވަން ފެއްޓެވުމާއެކު އާންމުންގެ ނުރުހުން އިންތިހާއަށް އަމާޒުވެގެން ގޮސްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ދަނީ ބޮޑުވަޒީރުގެ އޮފީސް ހުންނަ ސަރަހައްދަށް އެއްވެ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ކަރުނަ ގޭހާއި ބާރުގެ ބޭނުން ކޮށްފައިވާކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ދަނީ ބޮޑުވަޒީރު ވިކްރަމަސިންގހަގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ.
ލަންކާގެ ރައީސްކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވުމުން، ވަގުތީ ރައީސެއްގެ ގޮތުގައި ހުންނަވާނީ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައެވެ. ނަމަވެސް ބޮޑުވަޒީރުވެސް އިސްތިއުފާދެއްވައިފި ނަމަ، 30 ދުވަހުގެ މުއްދަތަކަށް އެމަގާމާ ހަވާލުވެވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާއެވެ. އެމުއްދަތުގެ ތެރޭގައި ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މަސައްކަތް އެގައުމުގެ މަޖިލީހުން ކުރާނެއެވެ.