ސްރީލަންކާގައި ކުއްލި ހާލަތު އިއުލާންކޮށް ގައުމުގެ ހުޅަނގު ޕްރޮވިންސްގައި ކާފިއު އިއުލާންކުރަން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އަމުރުކުރައްވައިފިއެވެ.
ލަންކާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާގޮތުން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ވަގުތު ވަގުތަށް ހުޅަނގުގައި ކާފިއު އިއުލާންކޮށް އެއަށް އަމަލުކުރަން ފެށުމަށް އަމުރުކުރައްވާފައެވެ. އަދި މަގުތަކަށް ނުކުމެ ހަމަނުޖެހުން އުުފައްދާ މީހުން ހައްޔަރުކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކަށް ބޮޑުވަޒީރު އަމުރުކުރައްވާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވާނެކަމަށް ވަނީ އިއުލާނުކުރައްވާފައެވެ. ބުދަ ދުވަހު އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީފުޅު މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާއަށް އަރުއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، މިހާރު ރިޕޯޓުތައް ބުނާގޮތުން ގޮތަބަޔާގެ އިސްތިއުފާ ސިޓީފުޅު ހުށަހަޅުއްވާނީ އެމަނިކުފާނަށް ގައުމުން ބޭރުން، ރައްކާތެރި މަންޒިލަކަށް ދަތުރުކުރެވުމުންނެވެ. އެގޮތުން ގޮތަބަޔާގެ އިސްތިއުފާގެ ސިޓީފުޅު މަޖިލީހުގެ ރައީސަށް އަރުއްވާނީ ބުދަ ދުވަހުގެ ރޭ، 08:00 ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ރައީސް އިސްތިއުފާނުދެއްވާ ގައުމުން ބޭރަށް ފިއްލަވަން މަސައްކަތްކުރައްވަން ފެއްޓެވުމާއެކު އާންމުންގެ ނުރުހުން އިންތިހާއަށް އަމާޒުވެގެން ގޮސްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ދަނީ ބޮޑުވަޒީރުގެ އޮފީސް ހުންނަ ސަރަހައްދަށް އެއްވެ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ކަރުނަ ގޭހާއި ބާރުގެ ބޭނުން ކޮށްފައިވާކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ލަންކާގެ ރައީސްކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވުމުން، ވަގުތީ ރައީސެއްގެ ގޮތުގައި ހުންނަވާނީ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައެވެ. ނަމަވެސް ބޮޑުވަޒީރުވެސް އިސްތިއުފާދެއްވައިފި ނަމަ، 30 ދުވަހުގެ މުއްދަތަކަށް އެމަގާމާ ހަވާލުވެވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާއެވެ. އެމުއްދަތުގެ ތެރޭގައި ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މަސައްކަތް އެގައުމުގެ މަޖިލީހުން ކުރާނެއެވެ.