ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ފޮރިން މިނިސްޓްރީއާއި، ލަންކާގައި ހުންނަ ދިވެހި އެމްބަސީ ގުޅިގެން ދަނީ އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ޙާލަތު ގާތުން ބަލަމުންނެވެ. އެގޮތުން ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ ހޮނިހިރު ދުވަހު ވަނީ އެ ޤައުމުގައި ގިނަ ހަމަނުޖެހުންތަކެއް ހިންގާފައެވެ. މި ހަމަނުޖެހުންތަކުގައި އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްމަސިންގހަގެ ގެކޮޅު ރޯކޮށްލާފައިވާއިރު އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ގެކޮޅަށް ވެސް މުޒާހަރާ ކުރި ރައްޔިތުން ވަނީ ވަދެ ހަމަނުޖެހުން ހިންގާފައެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން، ހޮނިހިރު ދުވަހު އެގައުމުގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަގެ ގެކޮޅުގައި ރޯކޮށްލި މައްސަލާގައި ތިން ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 19 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.
މިކަމުގެ އިތުރު ތަހުގީގުތައް ފުލުހުން ކުރަމުން ދިޔަނަމަވެސް މިހާރު މި މައްސަލަ ތަހުގީގުކުރުމަށް އެގައުމުގެ ސީއައިޑީން ހަވާލުވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ލަންކާގެ ހާލަތު ދަށްވުމުން އެ ޤައުމުގެ ރައްޔިތުން ދަނީ ރައީސް އާއި ބޮޑުވަޒީރުގެ އިސްތިއުފާއަށް އެދެމުންނެވެ. ބޮޑުވަޒީރު ރަނިލް އިސްތިއުފާ ދެއްވަން ހުންނެވި ކަމަށާއި ސިޔާސީ ޕާޓީތައް ގުޅިގެން ޤައުމު ހިންގުމަށް ފުރުސަތު ދެއްވާނެކަމަށް އިއުލާންކުރައްވާފައިވާއިރު ރައީސް ގޮތަބަޔާ ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައެވެ. އެގޮތުން ގޮތަބަޔާ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވީ ޖުލައި 13ގައެވެ.
އިގްތިސާދީ ގޮތުން އައި ލޮޅުންތަކާއެކު އޭރު އެ ޤައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ވެސް ވަނީ ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން އިސްތިއުފާ ދެއްވާފައެވެ. އަދި ރަނިލް ވިކްރަމަސިންގހަ އެ މަގާމާ ހަވާލުވެވަޑައިގަތީ މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުން އެ ޤައުމަށް އިގްތިސާދީ ގޮތުން ދިމާވެފައިވާ ހާލަތުން އަރައިގަނެވޭނެ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ހާލަތު ދުވަހަކަށްފަހު ދުވަހެއް ގޯސްވަމުންދާތީ އެ ޤައުމުގެ ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ރަނިލް ވިކްރަމަސިންގހަގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ.
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާ ގުޅިގެން އެގައުމަށް ބޭރުގެ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ހަމަޖެއްސެވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.