ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކޮއްކޯފުޅު ބަސިލް ރާޖަޕަކްސަ ފުރުމަށް އެއަރޕޯޓަށް ވަޑައިގެންނެވުމުން އެނބުރި ވަޑައިގަންނަވަން ޖެހިއްޖެއެވެ.
ބަސިލްއަކީ ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރެވެ. ލަންކާގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން އޭނާ ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. ވަޒީރުކަމުން އިސްތިއުފާ ދެއްވީ އޭޕްރީލް މަހުގެ ތެރޭގައެވެ.
ލަންކާގެ އިމިގްރޭޝަން އޮފިޝަލުންނާ ޙަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބަސިލް ރާޖަޕަކްސަ ޤައުމު ދޫކުރައްވައި ވަޑައިގަންނަވަން އުޅުއްވުމުން އެކަން އޮފިޝަލުން ވަނީ ހުއްޓުވާފައެވެ.
އެމެރިކާގެ ރައްޔިތުކަންވެސް އޮންނަ ބަސިލް ރާޖަޕަކްސަ ވަޑައިގަންނަވަން އުޅުއްވީ ކޮން ތަނަކަށްކަން މުޅިން ސާފު ނުވާކަމަށް ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.
ލަންކާގެ ހާލަތު ގޯސްވެ އެ ޤައުމުގެ ރައީސް އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާއިރު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވެސް ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައެވެ. އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވަނީ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން ވެރިކަން ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
އިޤްތިސާދީ ހާލަތު ދަށްވެ ލަންކާގެ ގިނަ ބަޔަކު ވަނީ މުޒާހަރާކޮށް އެ ޤައުމުގެ ރައީސްގެ ގެކޮޅަށާއި ބޮޑުވަޒީރުގެ އަމިއްލަ ގެކޮޅަށް ވަދެފައެވެ. މީގެ ތެރެއިން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަގެ ގެކޮޅުގައި ވަނީ ހުޅުވެސް ޖަހާފައެވެ.