ކ. މާލެ
|
11 ޖުލައި 2022 | ހޯމަ 17:15
ސްކޫލްތައް ހުޅުވުން
ސްކޫލްތައް ހުޅުވުން
ރާއްޖެއެމްވީ
ޓީޗަރުން ނުލިބޭ މައްސަލަ
ތައުލީމީ ދާއިރާގެ މުވައްޒަފުން ރެކްރޫޓްކުރުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހުށަހަޅައިފި
ސްކޫލްތަކަށް ބޭނުންވާ މުވައްޒަފުން، ޚާއްސަކޮށް އިދާރީ މުވައްޒަފުން ހަމަޖެއްސުމުގައި ގިނަގުނަ ދަތިތަކާ ކުރިމަތިލާންޖެހޭ
ހުއްދަލިބިފައިވާ މަގާމުތަކަށްވެސް މުވައްޒަފުން ހަމަޖެއްސުމުގައި، އެކިއެކި ސަބަބުތަކާހުރެ، މަސް ދުވަހަށްވުރެވެސް ލަސްވެގެންދޭ
ސްކޫލްތަކުގައި އިތުރަށް ތިބިކަމަށް ފާހަގަކުރެވޭ މުދައްރިސުންނާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުން ހިމެނޭ

ތައުލީމީ ދާއިރާގެ މުވައްޒަފުން ރެކްރޫޓްކުރުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހުށަހަޅައިފިއެވެ.

މިގޮތަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައާއި, ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި، އޭގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އެދިވަޑައިގަތުމަކަށް ކުރި ދިރާސާގެ ރިޕޯޓުގައެވެ.

މި ދިރާސާގައި ބުނެފައިވަނީ ސްކޫލްތަކަށް ބޭނުންވާ މުވައްޒަފުން، ޚާއްސަކޮށް އިދާރީ މުވައްޒަފުން ހަމަޖެއްސުމުގައި ގިނަގުނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ދިރާސާއިން ފާހަގަކުރެވިގެން ދިޔަކަމަށެވެ. އޭގެ ތެރޭގައި ސްޓާފް ރިކުއަރމަންޓްގައި އޮންނަ އަދަދަށް މުވައްޒަފުން ހަމަޖައްސަން ހުއްދަނުލިބުމާއި، ސްކޫލްތަކަށް ކޮންމެހެން ބޭނުންވާ މުވައްޒަފުން ރިކުއަރމަންޓުގައި ހިމެނިފައި ނެތުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ހުއްދަލިބިފައިވާ މަގާމުތަކަށް ވެސް މުވައްޒަފުން ހަމަޖެއްސުމުގައި، އެކިއެކި ސަބަބުތަކާހުރެ، މަސް ދުވަހަށްވުރެވެސް ލަސްވެގެން ދިއުން ހިމެނެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރަމުންދާކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަކަމަށް ވަނީ ބުނެފައެވެ. އަދި އިދާރީ މަސައްކަތްތައް ނުކުރެވި، ސްކޫލު ހިންގުމަށް ވަރަށް ބޮޑަށް ދަތިވާގޮތް މެދުވެރިވާކަމަށް ބުނެފައިވެއެވެ.

މިކަން ހައްލުކުުރުމަށް ހުށަހަޅާފައިވާ ގޮތަކީ، ކަމާބެހޭ އިދާރާތައް މެދުވެރިކޮށް، ސްކޫލްތަކަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގައި ދިމާވާ އުސޫލީ އަދި އިދާރީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމެވެ.

ސްކޫލްތަކުގައި އިތުރަށް ތިބިކަމަށް ފާހަގަކުރެވޭ މުދައްރިސުންނާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްވެސް މި ދިރާސާގައި ވަނީ ހިމަނާފައެވެ. އެގޮތުން، ގުދުރަތީގޮތުން ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، ލާމަރުކަޒީ ނިޒާމަށް ބަރޯސާވާ ގައުމަކަށް ވުމުން މުދައްރިސުންގެ އަދަދު އިންތިހާއަށް އިތުރުވެ، ޕިއުޕިލް-ޓީޗަރ ރޭޝިއޯ ނިސްބަތުން ދަށްވުމަކީ ތަބީއީކަމެއްކަމަށް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ބައެއް ސްކޫލްތަކުގައި ބޭނުންވާވަރަށްވުރެ އިތުރަށް މުދައްރިސުން ތިބިކަމާއި، އަނެއްބައި ސްކޫލްތަކަށް މުދައްރިސުން ނުލިބޭކަން ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައިވާ ގޮތަކީ، ބޭނުންވާ އަދަދަށްވުރެ މުދައްރިސުން ގިނަ، އަދި ބޭނުންވާ ވަރަށް މުދައްރިސުން ނުލިބޭ ސްކޫލްތަކާއި މާއްދާތައް ދެނެގަތުމަށް ސްކޫލް ނިޒާމުގެ ހިއުމަން ރިސޯސް އޮޑިޓެއް ހެދުމެވެ. އަދި މިފަދަ މަސައްކަތެއް ފަށާފައިވާތީ މި މަސައްކަތް އަވަސްކުރުން މުހިންމުކަމަށް ވަނީ ބުނެފައެވެ.

އަދި އިތުރުވާ މުދައްރިސުންނާމެދު އަމަލުކުރާނެ ގޮތުގެ ރަނގަޅު އުސޫލެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ސްކޫލްގެ އެހެން ވަޒީފާއަކަށް ބަދަލު ކުރުން، އަލުން އެހެން ވަޒީފާއަކަށް ތަމްރީނުކުރުން، އަބުރުވެރިކަމާއެކު ނިޒާމުން ނުކުތުމަށް ކަނޑައެޅޭ ވަކި ޝަރުތުތަކާއެކު، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމެއް ހަމަޖެއްސުމަށް ވަނީ ޚިޔާލު ހުށަހަޅާފައެވެ.

- ކޮމެންޓް