ބާސެލޯނާއިން ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް އެ ޓީމުގައި މަޑުކުރަން އޮސްމާން ޑެމްބެލޭ ނިންމައިފިއެވެ.
ފްރާންސްގެ 25 އަހަރުގެ ވިންގަރ ބާސާއަށް ބަދަލުވީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، އަނިޔާގެ ގިނަ މައްސަލަތަކާހެދި އޭނާއަށް ބާސާގައި އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފަރގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު އޭނާއަށް ލިބުނުނަމަވެސް، ފަހު ވަގުތު ޖެހުނީ ބާސާގައި މަޑުކުރާށެވެ.
ބާސާއިން ޑެމްބެލޭއަށް ހުށަހެޅި އެއްބަސްވުމުގައިވާ ގޮތުން، ދެން ލިބޭނީ ކުރިން އޭނާއަށް ލިބޭ މުސާރައަށްވުރެ ކުޑަ މުސާރައެކެވެ. ބާސާއިން އެ ހުށަހެޅުން ޑެމްބެލޭއަށް ހުށަހަޅާފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ. އޭގެ ފަހުން ބާސާގެ ރައީސް ޖޯން ލަޕޯޓާ ބުނީ، ބާސާގައި މަޑުކުރަަން ބޭނުންވާނަމަ ޑެމްބެލޭއަށް ޖެހޭނީ ހުށަހެޅުން ގަބޫލުކުރަންކަމަށެވެ. މީގެ އިތުރުން އޭރު އޭނާ ބުނީ އެކަމަށް އިތުރު ތާރީޚެއް ނުދެވޭނެ ކަމަށާއި، އެހެން ނޫންނަމަ ޑެމްބެލޭ ޖެހޭނީ ބާސާ ދޫކޮށްލަންކަމަށެވެ.
ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނިގޮތުގައި ޑެމްބެލޭ މިހާރު ވަނީ ބާސާއިން ހުށަހެޅި އެއްބަސްވުމުގައިވާ ހުރިހާ ކަމަކަށް އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ އިތުރުން އޭނާ ވަނީ މުސާރަ ކުޑަކުރަން އެއްބަސްވެފައި ކަމަށްވެސް ރޮމާނޯ ވަނީ ބުނެފައެވެ. ރޮމާނޯ ބުނި ގޮތުގައި ޑެމްބެލޭ މިހާރު ހުރީ ބާސެލޯނާގައެވެ. އަދި މި ހަފުތާ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ނިމޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް ރޮމާނޯ ވަނީ ބުނެފައެވެ.
މީގެ ކުރިން ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ ޑެމްބެލޭ ބާސާގައި މަޑުކުރަން އޭނާ އެދޭކަމަށް ބުނެފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ބާސާ ވަރުގަދަކުރުމަށް އޭނާގެ ޕްލޭންގައި ޑެމްބެލޭ ހިމެނޭކަމަށްވެސް ވަނީ ބުނެފައެވެ.