ކ. މާލެ
|
11 ޖުލައި 2022 | ހޯމަ 10:43
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ
ރޮއިޓާރސް
ރަޝިޔާ ޔޫކްރެއިން ހަނގުރާމަ
ރަޝިއާގެ ބާރުތަކާ ކުރިމަތިލަމުން ދިޔައިރު ކުރިމަތީގައި އޮތީ މާމަގެ ގަބުރު!
 
މާމަ މަރާލީ ގޮނޑީގައި އަރާމު ކޮށްލަން އިންދާ
 
އުޅެ ބޮޑުވި ތަން ކަމުން މަރުވެ ދާނީވެސް އެ ތަނުގައި ކަމަށް ބައެއް ރައްޔިތުން ބުނޭ
 
ރަޝިއާގެ އަސްކަރިއްޔާއިން ހަނގުރާމަ ފެށުމުން، އެހެން ހިސާބަކަށް ބަދަލުވާން ދިން އިރުޝާދަށް ބައެއް ރައްޔިތުން ދިނީ ބީރު ކަންފަތެއް

ހަނގުރާމައިގެ ބިރުވެރި ޖަރީމާ ވަށާލުމަކީ އެންމެ ގަދަ ހިތްވަރާއެކު ތެދުވެ ހުންނަ މީހާގެ ލޮލުން ކަރުނަ ފޫއްދާލާނެ އެތައް ކަމަކާ ކުރިމަތި ކުރުވާ ހާލަތެކެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އިނދަޖެހުނު ގޮތަށް ހިންދަމާ ނުލެވި އުޅެނިކޮށް، ޔޫކްރެއިންގެ ރައްޔިތުންނާ އަރާ ހަމަ ކުރި ވަރުގަދަ ހަނގުރާމާގައި އެންމެ ބޮޑަށް ގެއްލުންވި އެއް ސަރަހައްދު ކަމުގައިވާ ޑޮނެޓްސްކްގެ ރަށްވެއްސެއް ކަމަށް ވާ މީރޯސްލާވް ސޯޗެންކޯގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު އޭނާ ހުރީ، ގޯތި ތެރޭގައި މަރުވެފައިވާ މާމަގެ ގަބުރަށް ބަލަހައްޓައިގެންނެވެ.

ޖުލައި 9، 2022 ވީ ހޮނިހިރު ދުވަހަކީވެސް ރަޝިއާގެ ބާރުތަކާ ދެކޮޅަށް ޔޫކްރެއިންގެ ދިފާއަށް ނުކުމެ ތިބި ރައްޔިތުން ވަރުގަދަ ހިތްވަރެއް ދެއްކި ދުވަހެކެވެ. މި ފަހަކަށް އައިސް ރަޝިއާއިން އެންމެ ގަދައަށް ހަމަލާތައް ދެމުން ޑޮނެޓްސްކް ސަރަހައްދުގެ ރައްޔިތުންވެސް އޭގެ ތެރޭގައި ހިމެނޭހެންނެވެ. ހަނގުރާމައިގެ އަސަރު ހުރިހާ ގޮތަކުންވެސް ކުރަމުން ދަނީ އާންމު ރައްޔިތުންނަށް ކަން، ސޯޗެންކޯގެ ވާހަކަތައް އަޑު އަހާލުމުން އެނގެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކޮށްފައި ވާ އަސަރުތައްވެސްމެއެވެ.

އަހަރެން ބުނާނެ ހަމަ އެއްވެސް އެއްޗެއް ނެތް. އަހަރެން އަމިއްލައަށް، ދާ ގޮތަށް ގޮސް ޕޫޓިން މަރާލަންވީ
މީރޯސްލާވް ސޯޗެންކޯ؛ ޔޫކްރައިންގެ ދިފާއަށް ތެދުވެ ހުރި ރައްޔިތެއް

އޮކްސާނާ ކަޒެލްސްކާ، އޭނާ ގެންގުޅޭ ކުއްތާއަށް ލިބިފައިވާ ޒަހަމްތަކުގައި ބޭސް އެޅުމުގެ ކުރިން، ފޮތިގަނޑެއް އަޅާ، މައިދައިތަގެ ގަބުރު ނިވާ ކުރިއެވެ. އެ މައިދައިތަގެ ދެ އަތާއި ދެ ފައި ވެސް އޮތީ ނުވަތަށް އެނބުރިފައެވެ. އެ ވަރުގެ އަނިޔާއެއް މީހަކަށް ދޭނެ ގޮތެއް، އޮކްސާނާއަކަށް ނުވިސްނެއެވެ.

މި ގޮނޑީގަ އިނީ އަރާމު ކޮށްލަން. ދެން ކުރެވެން އޮތީ ވަކި ކޮން ކަމެއް؟ މިފަދަ ކިތަށް މީހުން މަރުވާނެ؟ ކިތަށް މީހުން މަރުވާންވީ؟ މި ހުރިހާ ކަމެއް ހުއްޓޭނީ ކޮން އިރަކުން؟ އަހަރަމެން ދިޔައީ ދިރިއުޅެމުން. މީހަކާ ނުބެހެން. އެކަމަކު، މިއޮތީ ކަން ވީ ގޮތް. އަހަރަމެން މަސައްކަތް ކޮށް އުޅުނިން. މަސައްކަތް އޮތް ކަން އެނގޭ. އާމްދަނީ ލިބޭ. ޗުއްޓީއަށް ދެވުނު. މިހާރު ކިހިނެއް އެކަން ކުރާނީ؟ {ސައިރަންގެ އަޑު} ތައްޔާރުވޭ. އަނެއްކާ އަނެއް ހަމަލާ އެ އައަންނަނީ
އޮކްސާނާ ކަޒެލްސްކާ، ޔޫކްރައިން ރައްޔިތެއް

ގިނަ މީހުންނަކީ އުފަން ވަޒަނަށް، ހިތުގައި ހާއްސަ ލޯތްބަކާ ގަދަރެއް ދޭ މީހުންނެވެ. ކޮންމެ ފަދަ ހާލެއްގައިވެސް އަމިއްލަ ވަޒަނަށް ފުރަގަސް ދޭން ބޭނުން ނުވާ މީހުން މަދެއް ނޫނެވެ. ހަމައެކަނި ލީނާގެ ނަމުން މީޑިއާގައި ނަން ހާމަ ކުރި މީހާގެ ވާހަކައިންވެސް އެކަން ދޭހަވެއެވެ. ރަޝިއާގެ އަސްކަރިއްޔާއިން ހަނގުރާމަ ފެށުމުން، އެހެން ހިސާބަކަށް ބަދަލުވާން ދިން އިރުޝާދަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.

ދަރިންކޮޅު ހިނގައްޖެ. މާމަ އެކަނި ގޭގައި މަޑު ކުރީ. އަހަރެންގެ މާމަ ދަރިންގެ ތެރޭގައި އުޅޭނެ އެންމެ 3 މަހުގެ ތުއްތު ތުއްތު ފިރިހެން ކުއްޖެއްވެސް. ހަނގުރާމަ ފެށުމާއެކު އަހަރެން ބުނެފިން އެމީހުން ގާތު މި ތަނުން ދާށޭ. މާފު ކުރޭ. އަހަރެންގެ މާމަ ދެކެ އަހަރެން ވަރަށް ލޯބިވޭ. 13 އަހަރުގެ މާމަދަރިއެއްވެސް ހުންނާނެ. އެ ކުދިންނަށް މި ހުރިހާ މަންޒަރެއް ފެނިދާނެތީ މި ތަނުން ދާން އަހަރެން އެންގިން. އެމީހުން އަހަރެން ގާތުވެސް ދާން ބުނި. އަހަރެންގެ އަމިއްލަ ގެ ދުކޮށްލާފަ ދާން ބުނި. އެކަމަކު އަހަރެން ބުނީ ހަމަ ނޫނެކޭ. އަހަރެން އުޅެ ބޮޑުވީ މި ތަނުގަ. މަރުވެ ދާނީވެސް މި ތަނުގަ. މީ އަހަރެންގެ އުފަންވ ބިން. އަހަރެންގެ އަވަށް. މިއީ އަހަރެންގެ އެއްޗެއް. މި ތަނަކުން މަށެއް ނުދާނަން. އެހެންނު، ހީރާ؟
ލީނާ، ޔޫކްރައިންގެ ރައްޔިތެއް

ޑޮނެޓްސްކްއާއި ލުހާންސްކަށް ހަމަލާތަކެއް ދީފައި ވާ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ވަނީ އިއުލާންކުރައްވާފައެވެ. ކަން މިހެން އޮތް އިރު އިނގިރޭސި ދިފާއީ ވުޒާރާއިން ވަނީ، ޔޫކްރެއިންއާ ދާދި ކައިރިން ރާޝިއާގެ ރިޒާވް ފައުޖުތައް ރުކުރުވަމުން ދާކަމަށް ރިޕޯޓްކޮށްފައެވެ.

ކަން މިހެން އޮތް އިރު، ރަޝިއާއިން ދަނީ ޔޫކްރައިންގެ އާންމުންނަށް އަމާޒުކޮށްގެން ހަމަލާ ދޭ ވާހަކަތައް ދޮގު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
14%
14%
0%
14%
29%
29%
ކޮމެންޓް