ކ. މާލެ
|
14 ޖޫން 2024 | ހުކުރު 21:37
ޖީ-7 ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދުނިޔޭގެ އެންމެ މުއްސަނދި 7 ގައުމުގެ ވެރިން އިޓަލީ ވިލާތުގައި
ޖީ-7 ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދުނިޔޭގެ އެންމެ މުއްސަނދި 7 ގައުމުގެ ވެރިން އިޓަލީ ވިލާތުގައި
ގެޓީ އިމޭޖަސް
ޖީ-7 ސަމިޓް
ރަޝިއާގެ ފްރީޒް ކޮށްފައިވާ އެސެޓްތަކުން 50 ބިލިއަން ޑޮލަރުގެ ލޯނު ޔޫކްރެއިނަށް ދެނީ، ޕުޓިން ވިދާޅުވީ އެއީ ވައްކަން ކަމުގައި
50 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ ފޯރުކޮށް ދިނުމަށް ފްރީޒް ކޮށްފައިވާ ރަޝިއާގެ އެސެޓްތަކުގެ އިންޓަރެސްޓް ފައިސާ ބޭނުން ކުރުމަށް ޖީ-7 ގެ ވެރިން އެއްބަސްވި

ބުރާސްފަތި ދުވަހު އިޓަލީގައި ފެށުނު ދުނިޔޭގެ އެންމެ ބާރުގަދަ 7 ގައުމުގެ ވެރިން ހިމެނިވަޑައިގަންނަވާ ގްރޫފް އޮފް ސެވަން (ޖީ-7) ގެ ބައްދަލުވުމުގެ އެންމެ މުހިންމު މައުޟޫއަކަށް އޮތީ ޔޫކްރެއިންގެ މައްސަލައެވެ.

މި ބައްދަލުވުމުގައި ރަޝިއާގެ ފްރީޒް ކޮށްފައިވާ އެސެޓްތައް ބޭނުން ކޮށްގެން 50 ބިލިއަން ޑޮލަރުގެ ލޯނު އެހީ ޔޫކްރެއިނަށް ދިނުމަށް ވެރިންގެ ފެންވަރުގައި ފްރޭމްވޯކް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ރަޝިއާ އިން ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމަ އަށް ޔޫކްރެއިނަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ޖީ-7 ގެ ވެރިން އުސޫލެއްގެ ގޮތުން އެއްބަސްވެ ވަޑައިގެންނެވި ކަމަށް ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ 50 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ ފޯރުކޮށް ދިނުމަށް ފްރީޒް ކޮށްފައިވާ ރަޝިއާގެ އެސެޓްތަކުގެ އިންޓަރެސްޓް ފައިސާ ބޭނުން ކުރުމަށެވެ.

ރަޝިއާ އިން 2022 ވަނަ އަހަރު ޔޫކްރެއިނަށް އެރުމާއެކު ރަޝިއާގެ ސޮވެރިން އެސެޓްތައް ހުޅަނގުގެ ގައުމުތަކުން ވަނީ ފްރީޒް ކޮށްފައެވެ.

ރަޝިއާގެ ފްރީޒް ކޮށްފައިވާ އެސެޓްތައް ބޭނުން ކޮށްގެން ޔޫކްރެއިނަށް ލޯނު ދިނުމަށް ހުޅަނގުގެ ގައުމުތަކުން ގެންގުޅޭ ޕްލޭނަށް ރަޝިއާގެ ރައީސް ވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ.

ހުކުރު ދުވަހު ރަޝިއާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލުންނާ އެކު ޕުޓިން ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވީ، ހުޅަނގުގެ ގައުމުތަކުން އުޅެނީ، ރަޝިއާ ގެ އެސެޓްތައް ބޭނުން ކުރާނެ ގޮތުގެ ކޮންމެވެސް ގާނޫނީ ހުއްޖަތެއް ހޯދަން ކަމަށެވެ. އެހެން ނަމަވެސް ކޮންމެ އުކުޅެއް ހެދި ކަމުގައި ވިޔަސް ވައްކަން ވާނީ ވައްކަމަށް ކަމަށެވެ. އަދި މިކަމުގައި އަދަބު ނުދީ ދޫކޮށް ނުލައްވާނެ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވިދާޅުވީ، ރަޝިއާގެ އެސެޓް ފްރީޒް ކޮށްގެން އޭގެ ނާޖާއިޒް ފައިދާ ނަގާނަމަ ދެން މިކަން ކުރާނީ ކޮންމެވެސް އެހެން ގައުމަކަށް ކަމަށެވެ.

ޖީ-7 ގައި ހިމެނެނީ ކެނެޑާ، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން، އިނގިރޭސި ވިލާތް އަދި އެމެރިކާ އެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އިން ޖީ-7 ގެ ހުރިހާ މަޝްވަރާ ތަކެއްގައި ބައިވެރިވެއެވެ.

އިޓަލީގައި ޖީ-7 ގެ ބައްދަލުވުން ބޭއްވުމަށް އިއުލާން ކުރުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެފައިވަނީ، ރަޝިއާގެ ފްރީޒް ކޮށްފައިވާ އެސެޓްތަކާ ބެހޭ އެއްބަސްވުން ވެގެން ދާނީ މި ބައްދަލުވުމުގެ އެންމެ މުހިންމު ނަތީޖާ ކަމުގައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން މި މައްސަލައިގައި ފަހަތައް ނުޖެހޭ ކަން ޕުޓިން އަށް ދޭހަވެ ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ބައިޑްން ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް ވުލެޑިމިއަރ ޒެލެންސްކީ ވަނީ ބުރާސްފަތި ދުވަހު ސަމިޓްގައި ބައިވެރިވަޑައިގަނެ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ވެރިންނާ ހަނގުރާމަ އާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މިއީ ޒެލެންސްކީ ޚާއްސާ މެހުމާނެއްގެ ހައިސިއްޔަތުން ޖީ-7 ސަމިޓްގައި ޖެހިޖެހިގެން ބައިވެރިވެ ވަޑައިގަންނަވާ ދެވަނަ އަހަރެވެ.

ސަމިޓްގައި ބުރާސްފަތި ދުވަހު ޒެލެންސްކީ ވަނީ ދިގު މުއްދަތުގެ ދިފާއީ އެއްބަސްވުމެއްގައި އެމެރިކާގެ ރައީސް ބައިޑެން އާ އެކު ސޮއި ކުރައްވާފައެވެ.

ރަޝިއާގެ އެސެޓްތައް ބޭނުން ކޮށްގެން ޔޫކްރެއިން އަށް މާލީ އެހީ ފޯރުކޮށްދޭނެ ގޮތުގެ ތަފްސީލް އެގްރީމެންޓް އަދި ހާމަ ކޮށްފައެއް ނުވެއެވެ. މީގެ ތަފްސީލްތައް ހާމަވާން އަދި ދެތިން ހަފްތާ ހޭދަވާނެ ކަމަށާއި، މި އެގްރީމެންޓުގެ ދަށުން ޔޫކްރެއިނަށް އެޙީ ހަމަޖެހޭނީ އަހަރު ނިމޭ ހިސާބުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

އަނެއް ކޮޅުން އެކުލަވާ ލެވެމުންދާ މި އެއްބަސްވުމާ ބެހޭ ގޮތުން ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ހުކުރު ދުވަހު ބުނެފައިވަނީ އެއީ އެއްވެސް އެއްޗެއް ނޫން ކަމަށާއި އެއީ "ހުސް ކަރުދާސް ގަނޑެއް" ކަމަށެވެ.

"ތިޔަ އެއްބަސްވުން ތަކަކީ އެއްވެސް އެއްޗެއް ނޫން. އޭގައި ގާނޫނީ ބާރެއް ނެތް." އެއްބަސްވުމާ ބެހޭ ގޮތުން ޒަޚަރޯވާ އާ ހަވާލާދީ ރަޝިއާގެ މީޑިއާއިން ބުނެފައިވެއެވެ.

ޖީ-7 ގެ ގައުމުތަކުގެ ވެރިންގެ މި އަހަރުގެ ބައްދަލުވުން ކުރިއަށް ދަނީ އިޓަލީ ވިލާތުގެ ދެކުނު ސަރަހައްދުގެ އަގުބޮޑު ރިސޯޓް ހޮޓަލެއް ކަމަށްވާ ޕޫލިއާ ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް