ކ. މާލެ
|
6 ޖުލައި 2022 | ބުދަ 07:17
މާލޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރުން
މާލޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރުން
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
މާލޭގެ މަގުތައް ތަރައްޤީކުރުން
މާލެ ސިޓީ ކައުންސިލާއި ދެކޮޅަށް ދައުވާ ކުރާނަން: މޫކޭ
ސިޓީ ކައުންސިލުން އާރްޑީސީއަށް ދޭންޖެހޭ އެތައް ބައިވަރު ފައިސާއެއް އެބަހުރި
ފައިސާ ނުލިބޭތީ އާރްޑީސީއަށް އެތައް ދައްޗަކާއި ކުރިމަތިލާން ވަނީ ޖެހިފައި
އާރްޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެއް

މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ދޭންޖެހޭ އެތައް ފައިސާއެއް ހުރިއިރު އަދިވެސް އެ ފައިސާ ދީފައިނުވާތީ ޤާނޫނީ ގޮތުން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފައިވާއިރު، މިހާރު މަގުތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. އެއީ ސިޓީ ކައުންސިލުން އާރްޑީސީއަށް ދޭންޖެހޭ ފައިސާތަކެއް ނުދީ ހުރެގެން ކަމަށް އެކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ސިޓީ ކައުންސިލުން އާރުޑީސީއަށް ދޭންޖެހޭ އެތައް މިލިއަން ފައިސާއެއް ހުރިއިރު، މިކަމަށް އެތައް މަހެއް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް އެއްވެސް ހައްލެއް ހޯދިފައި ނުވާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށް އެތައް ފަހަރަކު ކައުންސިލާ ބައްދަލުކޮށް ވަރަށް ގިނަ މަޝްވަރާތައް ކޮށްފައިވާކަމަށާއި، އެހެންނަމަވެސް އަލިމަގެއް ފެނިފައިނުވާކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެ ފައިސާ ނުލިބުމުގެ ސަބަބުން އެކުންފުންޏަށްވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަމަށެވެ. މުވައްޒަފުންނަށް މުސާރަ ނުދެވުމާއި، މެޝިނަރީ ހަލާކުވުމާއި، މިފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ފަރާތުން ވާހަކަ ދައްކައިގެން މިކަމަށް ހައްލެއް ލިބިފައިނުވާތީ މިހާރު ވިސްނުމަކީ ޤާނޫނީ ގޮތުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުން ކަމުގައި މޫސަ ވިދާޅުވިއެވެ. އަދި ލަސްތަކެއް ނުވެ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އާރްޑީސީއާ ހަވާލުކޮށްގެން މާލޭގެ ސްޓްރީޓް ސްކޭޕިން މަސައްކަތް ފަށާފައިވާއިރު، މި މަޝްރޫޢުގެ އަންދާޒާ އަގަކީ 462 މިލިއަން ރުފިޔާ ކަމަށް މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ. މިއީ އާންމުނަށް ފަސޭހައިން މަގު ބޭނުންކުރެވޭނެ ގޮތް ފަހިކުރުމަށް ފަށާފައިވާ މަޝްރޫއެކެވެ.

- ކޮމެންޓް