ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 20:12
ދީނަށް ފުރައްސާރަ ކުރާ މީހެއް
ދީނަށް ފުރައްސާރަ ކުރާ މީހެއް
ރާއްޖެއެމްވީ
ދީނަށް ފުރައްސާރަކުރުން
ކީރިތި ރަސޫލާއަށާއި މާތްﷲށް ފާޅުގައި، ޓުވިޓަރގައި ހަޖޫޖަހާ މީހެއް
ދީނަށް ޖޯކު ޖަހަމުންދާ މީހުން މުޖުތަމައުގައި ފާޅުގައި މަަސައްކަތްކުރާތަން ފެނޭ

މި ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމެކެވެ. މި ގައުމުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގައެއްނެތެވެ. އެހެންނަމަވެސް އިސްލާމްދީނަށް މަލާމާތްކޮށް، މި ދީނަށް ޖޯކުޖަހަމުންދާ މީހުން މުޖުތަމައުގައިވެސް ފާޅުގައި މަަސައްކަތްކުރާތަން ފެނެއެވެ.

ކަމާގުޅޭ މުއައްސަސާތަކުން އިތުރަށް ލޯހުޅުވައި، މިފަދަ މީހުންނާ ދެކޮޅަށް ފިޔަވަޅުއަޅަން އެބަޖެހެއެވެ. ސޯޝަލް މީޑިއާއަކީ މިހާރު ކޮންމެ މީހަކުވެސް އެމީހެއްގެ ޚިޔާލު ފާޅުކުރުމަށް ބޭނުންކުރާ ވަސީލަތެކެވެ. އެހެންނަމަވެސް މި ވަސީލަތުގެ ބޭނުން ނަހަމަގޮތުގައި ހިފާ މީހުންވެސް މަދެއްނޫނެވެ. ފިލައިތިބެ އިސްލާމްދީނަށް ފުރައްސާރަކުރުމަށްވެސް އެފަދަ މީހުންނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ވަނީ ނުހަނު ބޭނުންތެރި އެއްޗަކަށެވެ.

ޓުވިޓަރގައިވެސް މިފަދައިން ފިލައިއިނދެ މީހަކު ދަނީ ފާޅުގައި ކީރިތި ރަސޫލާއަށާއި މާތްﷲ އަށާއި އިސްލާމްދީނަށް ފުރައްސާރަކުރަމުންނެވެ. ޖުޑަސް އަހުމަދުގެ ނަމުން ހަދާފައިވާ މި ފޭކް ޓުވިޓަރ އައިޑީގެ ކަވަރ ފޮޓޯގައިވެސް ވަނީ، ﷲ މަރުވެފައިވާކަމަށް ބުނެ ދިވެހިން ލިޔެފައިވާ ފޮޓޯއެކެވެ.

މި ޓުވިޓަރ އައިޑީ ބަލައިލުމުން، ދީނަށް ފުރައްސާރަކުރާ މީހުންގެ ކަންކަން ހުރި ހިސާބު ހާމަވެގެންދެއެވެ. މާތްﷲ ވޮޑިގެންނުވާކަމާއި، ސެކިއުލަރިޒަމަށް ހިތްވަރުދޭގޮތަށް ޓުވީޓުތައް ވަނީ ކޮށްފައެވެ. ސެކިއުލަރިޒަމް ނުވަތަ އިލްމާނީ ފިކުރަކީ، ދީނާއި ދައުލަތަކީ ވަކި އެއްޗެއްކަމަށް ދައުވާކޮށް، އިސްލާމީ ޝަރީއަތަކީ ޒަމާނާ ނުގުޅޭ ބޯދާ އެއްޗެއްގެ ގޮތުގައި މީސްތަކުންނަށް ވިސްނައިދީ، އާޚިރަތެއް އޮންނަކަމަށް ނުދެކި، ދުނިޔެއަކީ އެމީހުންގެ ހަމައެކަނި މަންޒިލްކަމުގައި ދުށުމެވެ.

މާތްﷲށް ފުރައްސާރަކޮށް، އެމީހާ ކޮށްފައިވާ އެހެން ޓުވީޓެއްގައި ވަނީ، ނަޖީރިއާގެ އޮފިޝަލަކު ހޭނެތޭކަމަށް ހެދޭ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެމީހާ ބުނެފައިވަނީ އުދަ އެރި ދުވަހު މުސްލިމުން ރައްކާތެރިކަމަށް އެދިގެން ދުއާކުރިއިރު އެއީ މާތްﷲ ހުރި ގޮތް ކަމަށެވެ. سبحان الله! މިފަދައިން ބުނަން ހެޔޮވާނީވެސް ކިހިނެއްތޯއެވެ. މިހެން ގޮސް މި ޓުވިޓަރ އައިޑީން އިސްލާމްދީނަށާއި މާތްﷲއަށާއި ކީރިތީ ރަސޫލާއަށް ފުރައްސާރަކޮށް، ކޮށްފައިވާ ޓުވީޓުތައް އިންތިހާއަށް ގިނައެވެ. މި މީހާ ފިލައި އިނދެގެން ފޭކް އެކައުންޓެއްގެ ދަށުން ޓުވީޓުތައް ކުރާއިރު ކަމާގުޅޭ މުއައްސަސާތަކުން މިކަމާމެދު ފިޔަވަޅުއެޅުން ލަސްވަނީ ކީއްވެތޯއެވެ؟

އިސްލާމްދީން ނޫން ދީންތަކަށް ޖާގަ ހޯދުމަށް މަގުފަހިވާ ފަދަ ބޭކާރު ވާހަކަތައް މުޖުތަމައުގެ ތެރޭގައި ދެއްކުމަކީ ހަގީގަތުގައިވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. އިސްލާމްދީން ނޫން އެހެން ދީންތައް ފެތުރުމަށް މަސައްކަތްކުރާ މީހުން ހޯދައި، ހިފައި ހައްޔަރުކޮށް، ސުވާލުކޮށް، ހައްގު އަދަބު ދިނުމަކީ މުއައްސަސާތަކުގެ ޒިންމާއެކެވެ. މިފަދަ ކަންކަމަކީ ކުޑަ ކަމެއްގެ ގޮތުގައި ދެކިގެން، ނުބަލައި ދޫކޮށްލައިގެން ނުވާނެއެވެ. މިފަދަ އެހެން ޖުޑަސްއެއް އުފެދުމުގެ ކުރިން، ފިލައި އިނދެ އިސްލާމްދީނަށް ފާޅުގައި ފުރައްސާރަ ކުރާ މި މީހާ ހޯދަން އެބަޖެހެއެވެ. ސެކިއުލަރިޒަމްއާއި އެތީޒަމް ފަދަ ފިކުރީ އޮއިވަރުން ބޮޑެތި ރާޅުތައް އުފެދިގެން އަންނައިރު، ކަމާގުޅޭ މުއައްސަސާތަކުން މިކަންކަމަށްވެސް ލޯ ހުޅުވަން އެބަޖެހެއެވެ.

- ކޮމެންޓް