އާޖެންޓީނާގެ ޕައުލޯ ޑިބާލާ ހޯދުމުގެ މަަސައްކަތް މެންޗެސްޓަރ ޔުނައިޓެޑުން ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޑިބާލާ ހޯދުމަށްޓަކައި ޔުނައިޓެޑުން ވަނީ އޭނާގެ އެޖެންޓާއި ވާހަކަ ދައްކާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޑިބާލާ ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރަނީ އެ ޓީމަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމު ދޭކޮށްލަން ބޭނުންވާ ކަމަށް އަންގާފައިވުމުންނެވެ. ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ނިންމީ މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އެޓީމު ކޮލިފައި ނުވުމުންނެވެ. ޕްރިމިއަރ ލީގުގެ ހަވަނާގައި ލީގު ނިންމާލުމުން ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލި އެޓީމު މިއަންނަ ސީޒަންގައި ވާދަކުރަން ޖެހޭނީ ޔޫރަޕާ ލީގުގައެވެ.
އަންނަ ސީޒަނަށް ޔުނައިޓެޑުން އަންނަނީ ފްރެންކީ ޑި ޔޯން އާއި މަލާސިއާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ޔުނައިޓެޑުން ޑިބާލާ ހޯދުމަށް އެދި އޭނާގެ އެޖެންޓާއި ވާހަކަ ދެއްކިއިރު، ޓޮޓެންހަމާއި ނަޕޯލީން ވެސް ޑިބާލާ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެއްވެސް ކުލަބަކަށް ބަދަލުވުމުގެ ޔަގީންކަމެއް އޭނާ ނުދޭކަމަށާއި، ޓީމުތަކުން އަންނަނީ އޭނާގެ އެޖެންޓާއި ވާހަކަ ދައްކަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
2011 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި 28 އަހަރުގެ ޑިބާލާ ޔުވެންޓަސް އަށް ބަދަލުވީ 2015 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ޓީމަށް ކުޅެދިން 293 މެޗުގައި 115 ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ޓީމާއެކު އިޓާލިއަން ލީގު، އިޓާލިއަން ކަޕް، އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. ޑިބާލާ ވަނީ ނިމުނު ސީޒަނަށްފަހު ޔުވެންޓަސް ދޫކޮށްލަން ނިންމާފައެވެ.