ދިވެހި ޙައްޖާޖީންގެ ކަންކަން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސް ވަނީ ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރައްވާފައެވެ. ހޮނިހިރު ދުވަހުގެ ރޭ ފުރި 115 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންގެ ޙާލު ބައްލަވައިލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގަންނަވާފައެވެ.
ޙައްޖާޖީންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއިރު އެމަނިކުފާނު އަރިހުގައި، މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ހައްޖު މަހުގެ އެއްވަނަ ދުވަހަަކީ ބުރާސްފަތި ދުވަހެވެ. އަދި ހައްޖު ދުވަހަކީ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ.
ސައުދީ ސަރުކާރުން ބުނީ ހަނދު ފެނިފައިވާތީ ބުރާސްފަތި ދުވަހަކީ ހައްޖު މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އަލްހާ އީދު ދުވަހަކީ ޖުލައި ނުވަ ވަނަ ދުވަހެވެ. އީދު ދުވަސް މިފަހަރު ދިމާވަނީ ހޮނިހިރު ދުވަހަށެވެ.
ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތަކެވެ. މި ދުވަސްތަކުގައި ހެޔޮ އަމަލުކުރުން ގިނަކުރުމަށް ކޮންމެ މީހަކު ވެސް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ. ހެޔޮކަން ބޮޑު ދުވަސްތަކުގައި ޞާލިޙު އަމަލުތައް ގިނަކޮށް، ﷲ ގެ ރުހިވޮޑިގަތުން ލިބޭތޯ ވާދަ ކުރަންޖެހެއެވެ.
މި ދިހަ ދުވަހު ކުރުން ހެޔޮވެގެންވާ އަމަލުތަކުގެ ތެރޭގައި، ރޯދަހިފުމާއި، ޤުރްއާން ކިޔެވުމާއި، ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ހިމެނެއެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ، މާތްﷲ ހަނދުމަކުރުމުންނެވެ. މި ދިހަ ދުވަހު ކުރުން އިތުރުވެގެންވާ ހެޔޮ އަމަލުތަކުގެ ތެރޭގައި މާތް ﷲ އަށް ޒިކުރު ކުރުން ހިމެނެއެވެ.