ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 20:51
މަސްޖިދު ރަޝީދު ހުޅުވުމުގެ ރަސްމިއްޔާތު
މަސްޖިދު ރަޝީދު ހުޅުވުމުގެ ރަސްމިއްޔާތު
ރައީސް އޮފީސް
މަސްޖިދު ރަޝީދު ހުޅުވުން
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "މަސްޖިދު ރަޝީދު" މިސްކިތް ރައީސް ހުޅުއްވައިދެއްވައިފި
މިއީ މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެއް
މިސްކިތް ބިނާކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން
ރައީސް ވަނީ މި މިސްކިތުގައި އިޝާ ނަމާދު ކުރައްވާފައި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "މަސްޖިދު ރަޝީދު" މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި މިސްކިތް ހުޅުވައިދެއްވާފައި ހޮނިހިރު ދުވަހުގެރޭ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

"މަސްޖިދު ރަޝީދު"އަކީ އަލް މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ވަކިން ނަމާދުކުރެވޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވެއެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މި މިސްކިތުގައި ކުރެވުނު ޢިޝާ ނަމާދުގެ ޖަމާއަތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ންނެވެ.

މިސްކިތް ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި އާރް.ސީ.ސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ، އަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

- ކޮމެންޓް