ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 09:27
ބުލްގަރީ ރިސޯޓް ރަންފުށީގެ ކޮންސެޕްޓް
ބުލްގަރީ ރިސޯޓް ރަންފުށީގެ ކޮންސެޕްޓް
ބުލްގަރީ
"ބުލްގަރީ" ގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ
ދުނިޔޭގެ މަޝްހޫރު ބްރޭންޑް "ބުލްގަރީ" ގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަނީ
 
މި ރިސޯޓް ތަރައްގީ ކުރަނީ ރ. އަތޮޅުގައި
 
މިއީ ބުލްގަރީގެ 13 ވަނަ ޕްރޮޕަޓީ
 
މިއީ ބުލްގަރީ އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓް

ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "ބުލްގަރީ" ގެ ރިސޯޓެއް ރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.

ބުލްގަރީ ރިސޯޓުގެ ދަށުން މި ރިސޯޓު ހުޅުވަން ނިންމާފައިވާ ކަން އިއުލާންކޮށްފައިވަނީ ބުރާސްފަތުދުވަހުއެވެ. އެ ކުންފުނިން ބުނި ގޮތުގައި ރ. އަތޮޅުގައި ތަރައްގީ ކުރާ މި ރިސޯޓް ހުޅުވޭނީ 2025ގައެވެ.

އެ ކުންފުނިން މި ރިސޯޓަށް ދޭން ނިންމާފައިވާ ނަމަކީ "ބުލްގަރީ ރިސޯޓް ރަންފުށި" އެވެ. މި ރިސޯޓުގައި 54 ކޮޓަރި ހަދާއިރު މީގެ ތެރޭގައި 33 ބީޗް ވިލާ އާއި 20 އޯވަރ ވޯޓަރ ވިލާ ހިމެނޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ ހާއްސަ ވިލާއެއް ކަމަށްވާ "އެކްސްކްލޫސިވް ބުލްގަރީ ވިލާ" އެއް ރިސޯޓާ ކައިރި ވަކި ރަށެއްގައި ހަދަން ނިންމާފައިވާ ކަމަށް ވެސް ބުލްގަރީން ވަނީ ބުނެފައެވެ. މިއީ އެންމެ މަތީ ފަންތީގެ މީހުންނަށް ހާއްސަ ކޮށްގެން ފުރިހަމަ ޕްރައިވެސީ ލިބޭ ގޮތަށް ހަދާ ވިލާއެކެވެ.

މުޅި ރިސޯޓް އާއި ވިލާތައް ޑިޒައިން ކުރާނީ ބުލްގަރީގެ އެހެނިހެން ޕްރޮޕަރޓީތައް ޑިޒައިން ކޮށްފައިވާ އިޓަލީގެ އާކިޓެކްޗަރަލް ކުންފުނި އޭސީޕީވީ އާކިޓެކްޓްސް އިން ކަމަށް ވެސް ބުލްގަރީ އިން ބުންޏެވެ. އެހެންވެ، މި ރިސޯޓުވެސް ތަރައްގީ ކުރާނީ ދެމެހެއްޓެނިވި ގޮތްތަކަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ބުލްގަރީގެ މި ރިސޯޓުގައި 4 ރެސްޓޯރެންޓް ހެދުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އިޓަލީގެ ކުޒިންތަކާއި ޗައިނީޒް ކުޒީން އާއި ޖަޕަނީޒް ކޮންސެޕްޓުގެ ރެސްޓޯރެންޓު ހިމެނެއެވެ.

މީގެ އިތުރުން މި ރިސޯޓުގައި ބުލްގަރީ ބްރޭންޑުގެ ހާއްސަ ތަންތަން ވެސް ހުންނާނެއެވެ. މީގެ ތެރޭގައި ބުލްގަރީ ބާރ އާއި ބުލްގަރީ ސްޕާ އާއި ބުލްގަރީ ބުޓީކް އާއި ލަ ގެލޭރިލާ ހިމެނެއެވެ. މިއީ ބުލްގަރީގެ ލަގްޒަރީ އުފެއްދުންތައް ލިބެން ހުންނަ ތަންތަނެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލްތަކުގައި ބުލްގަރީގެ ޕްރޮޕަރޓީތައް ހުރެއެވެ. މިގޮތުން، ބާލި އާއި ޕެރިސް އާއި ދުބާއީގައި އެ ކުންފުނީގެ ހޮޓަލާއި ރިސޯޓުތައް ހުންނައިރު ރާއްޖޭގައި ހުޅުވަނީ އެ ކުންފުނީގެ 13 ވަނަ ޕްރޮޕަޓީއެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑުތަކުން އަންނަނީ ރާއްޖޭގައި ރިސޯޓުތައް ހުޅުވަމުންނެވެ. މިއީ ދުނިޔޭގެ އެކި ޤައުމުތަކުގައި ރާއްޖެއަށް އޮންނަ ޑިމާންޑު އިތުރުވުމާއި ގުޅިގެން އައި ބަދަލެކެވެ. ރާއްޖެ އަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ މަގުބޫލު އެއްމަންޒިލް ކަމަށް ގިނަ ޤައުމުތަކަކުން މިހާރު ގަބޫލު ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް