ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް ޓޫރިސްޓް ވިޔަފާރިތަކަށް ލާޒިމްވާގޮތަށް ވުޖޫދަށް ގެނައި ޤާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ޓޫރިސްޓް ހިދުމަތްދޭ ކުންފުނިތަކުން ބޭންކަށް ޑޮލަރު މާރުކުރެވޭގޮތަށް އުސޫލްތަކެއް ކަނޑައަޅައި ބޭރުފައިސާ މާރުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮއްފައި ވެއެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މިދިޔަ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އެ ބިލަށް ރައްޔިތުންނާއި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ހިޔާލަށް ހުޅުވާލިއިރު، މަޖިލީހުން އެ ބިލް ފާސްކޮށްފައިވަނީ ތިން ވަނަ ދައުރުގެ 60 ވަނަ ޖަލްސާއިންނެވެ.
މި ބިލް ފާސްކުރިއިރު، ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލަށް ލުޔެއް ދިނުމުގެ ގޮތުން ލިބޭ އާމްދަނީން 20 އިންސައްތަ މާރުކުރެވޭ ގޮތަށްވަނީ އުސޫލު ބަދަލުކޮށްފައެވެ. ބިލްގައި ކުރިން އޮތްގޮތުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ބޭންކު މެދުވެރިކޮށް މާރުކުރަން ޖެހެއެވެ. އެކަން އެގޮތަށް އޮތުމުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ވަނީ ފާޑުކިޔައި، އެކަން އެގޮތަށް ކުރެވެން ނެތްކަމަށް ބުނެފައެވެ.
ބޭރުފައިސާ އާ ބެހޭބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހެވެ.
އެ ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުން ވަކި މުއްދަތުތަކެއްގައި އެމްއެމްއޭގައި ރަޖިސްޓްރީކުރަން ޖެހެ އެވެ.
އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ, ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާކުރާ ގޮތަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ކެޓަގަރީ އޭ ގައި ޓޫރިސްޓް ރިސޯޓްތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓްތަކާއި ފްރައިވެޓް އައިލެންޑްތަކާއި ރިސޯޓް ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަން ހިމެނޭއިރު، ކެޓަގަރީ ބީ ގައި ހިމެނެނީ ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކެވެ.
ކެޓަގަރީ އޭއަށް ލިބޭ ފައިސާ މާރުކުރެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެފައިވެ އެވެ. އެއް ގޮތަކީ އެ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމާއި ކޮންމެ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 އިންސައްތަ މާރުކުރުމެވެ.
ކެޓަގަރީ ބީ އަށް ލިބޭ ފައިސާ މާރުކުރެވޭނީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ކޮންމެ މަހެެއްގެ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތައިން މާރުކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ޓޫރިޒަމް ދާއިރާ އާއި މާލީ އިދާރާތައް ފިޔަވާ އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަކުން 15 މިލިއަން ލިބޭ ފަރާތްތަކުން އެ ފައިސާގެ ތެރެއިން ކޮންމެ އަހަރަކު ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހެ އެވެ.
އެ ގާނޫނު ހިންގައި ތަންފީޒުކުުރުމުގެ މައި އިދާރާއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކަމަށްވާއިރު، ބުދަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލަން ޖެހެ އެވެ.