ކ. މާލެ
|
1 ޖުލައި 2022 | ހުކުރު 12:06
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
މުހައްމަދު ޝަރުހާން
2023ގެ ރިޔާސީ އިންތިޚާބު
ހެޔޮލަފާ ވެރިޔަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ސަބަބެއް ނެތް: ރޮޒެއިނާ
ރައީސް ސާލިހް ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށް ވެސް އަދި ޤައުމަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް

ހެޔޮލަފާ ވެރިޔަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރިމަތިލެއްވުން އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ރަނގަޅު ގޮތެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރޮޒެއިނާ ވިދާޅުވީ ރައީސް ސާލިހް ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީއަށް ވެސް އަދި ޤައުމަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ފެހި ޤާނޫނު އަސާސީއާއެކު އެންމެ އަމާން ވެރިކަމެއް ކޮށްދެއްވީ ރައީސް ސާލިހު ކަމަށާއި އެމަނިކުފާނަކީ ހަމަޖެހުމަށް ލޯބި ކުރައްވާ ވެރިޔެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމްގެ 5 ވަނަ އެޕިސޯޑްގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫންކަމަށެވެ. ރައީސް 2018 ވަނަ އަހަރު ކުރިމަތިލެއްވިއިރު ޝާހިދު ބައްދަލުކުރައްވައި، އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަތުމަށް އެދިވަޑައިގެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އޭރު އެންމެ ރަނގަޅު ކެންޑިޑޭޓަކީ ސާލިހު ކަމަށް ވިދާޅުވިކަމަށާއި، އޭރު މަޑުކުރައްވަން ޝާހިދުގެ އަރިހުގައި އެދިވަޑައިގަތްއިރުވެސް ވެރިކަން ހިންގުމުގެ ހުރިހާ ސިފަތަައް ޝާހިދުގެ ކިބައިގައި ހުރިކަން ސާފުވެވަޑައިގެންނެވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ ޓިކެޓްގައި ނުކުންނަވާނީ ތިންވަނަ ބޭފުޅެއްތޯ އެއީ އެމްޑީޕީގެ މެމްބަރުން ކުރާ ސުވާލެއް ކަމަށާއި، ކުރިއަތް އޮތް ހަފުތާގައި އެކަންތައްތައް ސާފުވެގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ކާމިޔާބު ނުވާނެކަމަށް ނިންމަވައިގެން އެއްވެސް އިންތިޚާބަަކަށް ނުނިކުންނަވާ ކަމަށާއި، ކުރިއަތް އޮތް އިންތިޚާބުތަކަށް ނިކުންނަވާނީ ކާމިޔާބު ކުރެއްވޭނެކަމަށް ނިންމަވައިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ އިންތިޚާބުގައި މިހާރުގެ ކޯލިޝަންގެ ބައިވެރިންނާ ގުޅިގެން ވާދަ ކުރައްވައިގެން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އަންނަ އަހަރު އެންމެ މުހިންމު ކަމަކީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ވެސް މިވަގުތު އެންމެ ފައިދާހުރި ގޮތް ކަމަށާއި، އެއީ މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯލިޝަން އަކާއެކީގައި އެމްޑީޕީ އިސްވެ އޮވެ އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ އެމްޑީޕީއަށް ދެއްވާފައެވެ. 

- ކޮމެންޓް
1 ޖުލައި 2022 | ހުކުރު 14:01
އެމްސް
ރޮޒޭނާމެން ފުދިގެން ތިއްބަސް، ރަޢިއްޔަތުން ތިބީ ވަރަށް ނިކަމެތި ހާލުގަ! ކިރިޔާވެސް ދެކޮޅުޖެހޭ އާމްދަނީއެއް ވިއްޔާ ލިބެމުންދަނީވެސް ސިޔާސަ ވެގެން އުޅޭ ބަޔަކަށާއި ދައުލަތުގެ ބޮޑުންނަށް އެކަނި! އެހެންވީމަ ރަޢިއްޔަތުން ބުނާ އެއްޗަކަށް ރޮޒޭނާވެސް އިންތިޒާރުކޮށްލާ!