ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 20:56
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ
ރާއްޖެ އެމްވީ
ލޭބަރ ޕާޓީ އުވާލުން
3000 މެމްބަރުން ހަމަނުވުން ލޭބަރ ޕާޓީ އުވާލައިފި
އެއްވެސް ސިޔާސީ ހަރަކާތެއް މީގެ ފަހުން ނުހިންގުމަށް ޕާޓީއަށް އަންގާފައިވޭ

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޭބަރ ޕާޓީ އުވާލަން ނިންމައި އެކަމުގެ ނޯޓިސް އެޕާޓީއަށް ފޮނުވާފައިވަނީ، ޕާޓީތަކުގެ ދަފްތަރުގައި 3000 މެމްބަރުން ހަމަކުރުމަށް ދިން ތިން މަސް ދުވަހުގެ މުއްދަތުގައި އެ އަދަދަށް މެންބަރުން ހަމަނުކުރެވުމުގެ ސަބަބުން ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ވާޖިބުކުރާ 3000 މެންބަރުން ހަމަކުރުމަށް ލޭބަރ ޕާޓީއަށް ތިން މަސް ދުވަސްދެވި، އެ މުއްދަތު ޖޫން 14 ވަނަ ދުވަހަށް ހަމަވިއިރު، 3000 މެންބަރުން އެ ޕާޓީއަށް ހަމަވެފައިނުވާ ކަމަށެވެ. އިލެކްޝަނުން ވަނީ އެއްވެސް ސިޔާސީ ހަރަކާތެއް މީގެ ފަހުން ނުހިންގުމަށް އެޕާޓީއަށް އަންގާފައެވެ.

މިހާރު ކުރިއަށްދަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަބްދުﷲ ހަސީނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން އުވާލަން ނޯޓިސް ދީފައިވާ މުއްދަތުގެ ތެރޭގައި 3000 މެމްބަރުން ހަމަކޮށްފައިވަނީ ޑީއާރުޕީއާއި އެމްޓީޑީއާއި އެމްއާރުއެމުންނެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަނަމަވެސް، ގިނަ ޕާޓީތަކުގައި 10،000 މެމްބަރުންވެސް ހަމައެއްނުވެއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުން ބަޖެޓް ދޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި އަދަދު ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ 4 ޕާޓީއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.


Advertisement
- ކޮމެންޓް