ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 14:59
"ކުރީގެ ބައެއް އާދަކާދަ 1"، އަދި "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" ގެ ނަމުގައި ޢަބްދުލްޢަޒީޒް އިބްރާހީމް ލިޔުއްވި ދެ ފޮތެއް، ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވަނީ
"ކުރީގެ ބައެއް އާދަކާދަ 1"، އަދި "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" ގެ ނަމުގައި ޢަބްދުލްޢަޒީޒް އިބްރާހީމް ލިޔުއްވި ދެ ފޮތެއް، ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވަނީ
ރައީސް އޮފީސް
ރައީސްއަށް ފޮތް ހަދިޔާކުރެއްވުން
ޢަބްދުލްޢަޒީޒް އިބްރާހީމް ލިޔުއްވި ދެ ފޮތެއް، ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވައިފި
ކުރީގެ ބައެއް އާދަކާދަ 1 މިފޮތުގައި އދ. ދިއްދޫގައި މީހުން އާބާދުވިގޮތާއި، އެ ހިސާބުގަނޑުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ހިމެނޭ

ކުރީގެ ބައެއް އާދަކާދަ 1"، އަދި "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" ގެ ނަމުގައި ބާދުޞަބާ، އދ. ދިއްދޫ، ޢަބްދުލްޢަޒީޒް އިބްރާހީމް ލިޔުއްވި ދެ ފޮތެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ.

މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

"ކުރީގެ ބައެއް އާދަކާދަ 1" މިފޮތުގައި އދ. ދިއްދޫގައި މީހުން އާބާދުވިގޮތާއި، އެ ހިސާބުގަނޑުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ސަތޭކައެއްހާ އަހަރުކުރިން ހުރި ގޮތް ބަޔާންކޮށްދީފައިވެއެވެ. އަދި، "ހޯދި ހޯދުންތަކާ ލިބިހުރި މަޢުލޫމާތާއި ޢަމަލީ ތަޖުރިބާ" މި ފޮތަކީ އދ. ދިއްދޫއާ ބެހޭގޮތުން ޢާންމު މަޢުލޫމާތު ހޯދުމަށް ކުރަން ބޭނުންވާ ސުވާލުތަކާއި، ރަށުގެ ވަނަވަރާއި، އެރަށުގެ އިސް މަޤާމުތައް ފުރުއްވި ބައެއް ބޭފުޅުންގެ ފަރާތުން ސާފުކޮށްލަން ބޭނުންވާ މަޢުލޫމާތު ހިމެނޭ ފޮތެކެވެ. މި ދެ ފޮތް ހަދިޔާކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ފޮތުގެ މުޞައްނިފު ޢަބްދުލްއަޒީޒް އިބްރާހީމަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މިފޮތްތައް ލިޔުމުގެ ޚިޔާލު އުފެދުނުގޮތާއި، މި ދެ ފޮތުގައި ހިމެނިފައިވާ އެކިއެކި ބައިތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޮތްތަކަކީ ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް ހިމެނޭ ފޮތްތަކެއްކަމަށް އުންމީދުކުރައްވާކަމަށާއި މިފަދަ މަސައްކަތްތަކަކީ އެމަނިކުފާނު ވަރަށް ބޮޑަށް ތަރުޙީބުދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޢަބްދުލްޢަޒީޒް އިބްރާހީމް ވަނީ މި ފޮތުގައި ހިމެނިފައިވާ ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.


Advertisement
- ކޮމެންޓް