ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 10:31
ޕޮލިސްގެ ކޯޗު ފައްލޯ
ޕޮލިސްގެ ކޯޗު ފައްލޯ
ރާއްޖެ އެމްވީ
ޤައުމީ ވޮލީބޯޅަ ލީގު 2022
ޓީމުގައި އަނިޔާގެ މައްސަލަތައް އުޅޭ، ނަމަވެސް ކުޅުމަކުން އެކަމެއް ނުދައްކާ: ފައްލޯ
މެޗުގައި ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ހިމެނޭހެން ވެމްކޯއަށް ރަނގަޅު ފައިޓެއް ދެވުން

ޤައުމީ ވޮލީ ލީގުގައި ކުލަބް ވެމްކޯއާ ދެކޮޅަށް ނުކުތްއިރު ޓީމުގައި އަނިޔާގެ މައްސަލަތަކެއް ހުރިކަމަށާއި، ނަމަވެސް ކުޅުމުން އެކަން މާބޮޑަކަށް ނުދައްކާ ކަމަށް ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ)ބުނެފިއެވެ.

ލީގުގައި ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުން ޕޮލިސް ބަލިވީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ވެމްކޯއިން ކާމިޔާބުކުރިއިރު، އެ ދެ ސެޓުގައި ޕޮލިސް ޓީމުގެ ފަރާތުން މާއެދެވޭ ރަނގަޅު ކުޅުމެއް ނުފެނެއެވެ. ނަމަވެސް އެ ޓީމު ވަނީ ތިން ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް އެ ސެޓާއި ހަތަރު ވަނަ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. ފަހު ސެޓު ވެމްކޯއިން ކާމިޔާބުރީ ޕޮލިހަށް ހެދުނު އަމިއްލަ މިސްޓޭކްސްތަކެއްގެ ފައިދާ ނަގައިގެންނެވެ.

މެޗަށްފަހު ފައްލޯ ބުނީ އަނިޔާގެ މައްސަލަ އެ ޓީމުގައި އުޅޭ ކަމަށާއި، ފުރަތަމަ ދެ ސެޓު ދަށްކޮށް ދިޔަ ސަބަބަކީ އެއީ ކަމަށެވެ. ނަމަވެސް ފަހުން ކުޅުން ރަނގަޅުކުރިކަން ފާހަގަކޮށް ފައްލޯ ބުނީ، އަނިޔާގެ މައްސަލަ އުޅޭކަން މެޗުގައި މާބޮޑަށް ނުފެންނަ ކަމަށެވެ. ނަމަވެސް ބައެއް ސެޓުގެ ބައެއް ހާލަތްތަކުގައި އެ ދަތިކަން ދިމާވި ކަމަށް ފައްލޯ ބުންޏެވެ. ޖުމުލަ ގޮތެއްގައި ބަލާނަމަ ޒުވާން ޓީމު ދެއްކީ ހިތްހަމަ ޖެހޭ ރަނގަޅު ކުޅުމެއް ކަމަށާއި މަސައްކަތް ރަނގަޅު ކަމަށް ފައްލޯ ބުންޏެވެ.

އިތުރަށް ފައްލޯ ބުނީ ޕޮލިސް ޓީމުގައި އޮތީ ޒުވާން ޓީމެއް ކަމަށާއި، ވެމްކޯ ކަހަލަ ހުރިހާ ޑިޕާޓްމަންޓެއް ބެލެންސް ޓީމެއް ކައިރިން މޮޅުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް މެޗުގައި ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ހިމެނޭހެން ވެމްކޯއަށް ރަނގަޅު ފައިޓެއް ދެވުން ކަމަށް ފައްލޯ ބުންޏެވެ.

ޓީމުގެ މަސައްކަތު ރޭޓު ގޯހެއް ނޫން. ކޮންމެ މެޗެއްވެސް ހަމަ ފުދޭވަރަކަށް ޕާފޯމްކޮށްފަ، ދެން ވެމްކޯ ކަހަލަ ބެލެންސް ޓީމަކާއެކު އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިންނަށް އަދި އުނދަގޫ ވާނެ. އެހެން ނަމަވެސް އެދިން ފައިޓަށް ހަމަ ވަރަށް ބޮޑަށް، ބޭރު ކުޅުންތެރިން ވެސް އަދި ދިވެހި ކުޅުންތެރިން ވެސް ހަމަ ވަރަށް ރަނގަޅު ފައިޓެއް ދީފި.
ފަތުހުﷲ ވަހީދު (ފައްލޯ) / ޕޮލިސް ކުލަބުގެ ކޯޗު

މީގެ އިތުރުން ފައްލޯ ބުނީ ޕޮލިސް ޓީމު މަސައްކަތް ކުރާނީ މެޗުން މޮޅުވާން ކަމަށެވެ. މުޅި ޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ފައްލޯ ވަނީ ބުނެފައެވެ.

ލީގުގައި ޕޮލިހަށް ބާކީ އޮތީ ދެ މެޗެވެ. އެއީ މިރޭ އޮފު އެފްސީއާ ދެކޮޅަށް ކުޅޭ މެޗާއި، ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ. މިވަގުތު ޕޮލިސް އޮތީ ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައެވެ.

- ކޮމެންޓް