އިންޓަނޭޝަނަލް ބޮޑީ ބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޯޑީ ބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ރާއްޖޭގައި ބާއްވަން ނިންމައި އެ މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މި މުބާރާތް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފްއެވެ.
އަންނަ ޖުލައި މަހުގެ 29ން އޮގަސްޓު މަހުގެ 7ށް މާލޭގައި ބާއްވާ މި މުުބާރާތުގައި އެކި ޤައުމުތަކުްނ 150 އެތުލީޓުން ވާދަކުރާނެއެވެ. މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކަށެވެ. މިއީ މި މުބާރާތުގެ ލެގެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ފައިސާގެ އިނާމުގެ ގޮތުގައި 70،000 އެމެރިކާ ޑޮލަރު ހަތަރު ކެޓަގަރީއަކަށް ބަހާލެވޭނެއެވެ.
މި މުބާރާތް ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ މިއީ ބައިންއަގުވާމީ މުބާރާތެއް މިއަހަރު ބޭއްވޭ ތިން ވަނަ ފަހަރު ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތަށް، މުދު ކުޅިވަރުގެ ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވޭތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރު ފެށީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއާއެކު ކަމަށާއި، އޭގެ ފަހުން ސަރަހައްދީ ޖޫނިއާ ޓީޓީ މުބާރާތް ބޭއްވިކަމަށެވެ. މީގެ ދުވަސް ކޮޅެއް ކުރިން އުކުޅަހުގައި ޗެސް މުބާރާތް ބޭއްވިކަމަށާއި، އަންނަ މަހުގެ މެދު ތެރޭގައި އޭޝިއަން ބޮޑީބިލްޑިން މުބާރާތް އޮންނާނެ އޮންނާނެކަމަށެވެ.
އެނގި ވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައި އެބަވޭ، ރާއްޖެއަށް މޫދު ކުޅިވަރުތަކުގެ ޚާއްސަކޮށް ބޮޑީބޯޑިން، ސާފިން ފަދަ ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާާރާތްތައް ގެނައުން. ހަމައެއާއެކީގައި މި ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށް ވެފައި މިއޮތީ އިރާދަކުރެއްވީތީ އަންނަ މަހު މި މުބާރާތް ރާއްޖޭގައި ބޭއްވިގެން ދިޔުން. އަޅުގަނޑުމެން މި އުންމީދުކުރަނީ ގިނަ އަދަދެއްގެ ގައުމުން ސަތޭކަ ފަންސާހަށްވުރެ ވެސް ހަމަ ގިނަ އެތުލީޓުންނާއެކު މި މުބާރާތް މާލޭގައި ކުރިއަށް ގެންދޭވެނެ ކަމަށް.އަޙުމަދު މަޚްލޫފް / ޔޫތު މިނިސްޓަރު
މި އިވެންޓުގައި ވާހަކަ ދައްކަމުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) ވިދާޅުވީ މުބާރާތް ބޭއްވުމުގައި އެކި ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އާއި ޔޫތު މިނިސްޓަރުގެ އެހީތެރިކަމާއެކު މި މުބާރާތް ބޭއްވޭތީ އުފާ ކުރާ ކަމަށެވެ. އަދި މުބާރާތް ރާއްޖޭގައި ބޭއްވޭކަމުގެ އެއް އަސްލަކީ ސަރުކާރުގެ ފަރާތުން ދެއްވި އެހީތެރިކަން ކަމަށް ފުކޫ ވިދާޅުވިއެވެ. މީގެ އިތުރުން ފުކޫ ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އެ އެސޯސިއޭޝަންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭ ކަމަށާއި، އެސޯސިއޭޝަނުން ދާން ބޭނުންވާ އެންމެ ދުރު މިސްރާބަށް ވާސިލްވެވިއްޖެ ކަމަށެވެ.
އަޅުގަނޑުމެންނަށް އެންމެ ބޮޑު ޗެލެންޖަކަށްވީ އަޅުގަނޑުމެން މި މުބާރާތް ބާއްވާން ރާވާފައިވާ ސަރަހައްދު. އެ ސަރަހައްދުގެ ދަތިކަން ތި ހުރިހާ ބޭފުޅުންނަށް ވެސް އިނގޭނެ. ދެއްތޯ. އެއީ އަސްލު ޗެލެންޖަކީ. ދެން އިތުރު ޗެލެންޖަކީ ބައެއް ވިޔަފާރިވެރިންނަށް އެޕްރޯޗްކުރީމާ، މިސާލަކަށް ސްޕޮންސަރ ލިބުމުގެ ދަތިކަން. ދެން އެބޭފުޅުން ވެސް އެކި ހާލަތްތަކަށް ރިއާޔަތްކޮށްފައި އެ ސްޕޮންސަރ ދިނުމާއި ނުދިނުމާ ވެސް އޮންނަނީ. އެއީ ދެން. އިތުރު ޗެލެންޖެއް އަޅުގަނޑުމެންނަށް ހޭންޑަލް ނުކުރެވޭ ވަރުގެ ޗެލެންޖެއް ނާދޭ.އަބްދުﷲ އަރީފް (ފުކޫ) / މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނާއި ރާއްޖޭގެ ޓީމަށް ޚާއްސަކޮށް "ޓީމް މޯލްޑިވްސް" ކެމްޕެއިނެއް ފެށުމަށް ވެސް ވަނީ ނިންމާފައެވެ.
އެމްބީބީއޭ އިން ހާމަކުރި ގޮތުގައި މި މުބާރާތުގައި ބައިވެރިވުމަށް ދުނިޔޭގެ ޗެމްޕިއަނުން ވެސް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އަދި އެ ފަރާތްތަކުގެ މައުލޫމާތު ކުރިއަށް ހުރި ދުވަސްތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށެވެ.