ކ. މާލެ
|
30 ޖޫން 2022 | ބުރާސްފަތި 06:28
ވެލެންސިއާއާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
ވެލެންސިއާއާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ޔޫތު ޗެމްޕިއަންޝިޕް
ފަސޭހަ މޮޅަކުން ވެލެންސިއާ ފައިނަލަށް
 
ފައިނަލުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީއާ ވެލެންސިއާ
 
ވެލެންސިއާ މެޗު ކާމިޔާބުކުރީ 6-1ން
 
ޓީސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކާމިޔާބުކޮށްދިނީ ޔޫސުފް އާއިޝް މުހައްމަދު

އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ދެވަނަ ސެމީ ފައިނަލުގައި ފަސޭހަ މޮޅެއް ހޯދާ ކްލަބް ވެލެންސިއާ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ސެމީގެ ފަހު މެޗުގައި ބުދަ ދުވަހުގެރޭ ވެލެންސިއާ ބައްދަލުކުރީ ޓީސީ ސްޕޯޓްސް ކްލަބާއެވެ. މި މެޗު ވެލެންސިއާ ކާމިޔާބުކުރީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ވެލެންސިއާއަށް މެޗުގެ 30 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މުހައްމަދު އައިހަމް އިބްރާހިމްއެވެ. އޭގެ ފަހުން ވެލެންސިއާއަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު ނާމީ ނަޒީފްއެވެ. ދެވަނަ ހާފު ފެށުނުތަނާ ވެލެންސިއާއަށް އިތުރު ދެލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ އަގްސާން އަހުމަދު ނަސީމްއެވެ. އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ޖެހި އައިހަމްއެވެ.

މި މެޗުގައި ޓީސީގެ ހަމައެކަނި ލަނޑު ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ ޔޫސުފް އާއިޝް މުހައްމަދުއެވެ.

ދެވަނަ ހާފުގައި ވެލެންސިއާގެ ކެޕްޓަން މުހައްމަދު ޖޫދު އަޝްފާގަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އޭނާއަތުން ވަނީ ބޭކާރުވެފައެވެ. ޖޫދު ފޮނުވާލި ޕެނަލްޓީ ދިޔައީ ޓީސީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ވެލެންސިއާގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަމާން ޒާހިރުއެވެ.

މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެލެންސިއާއަށް ލިބި ބޭކާރުވެފައިވެއެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީއާ ވެލެންސިއާއެވެ. ޔުނައިޓެޑް ވިކްޓްރީން ވަނީ ބުދަ ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ ސެމީގައި 4-0ން ކްލަބު އީގަލްސް ބަލިކޮށްފައެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރޭ 20:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙަފްޞީ ޢަބްދުالله
0%
100%
0%
0%
0%
0%
ކޮމެންޓް