ކ. މާލެ
|
29 ޖޫން 2022 | ބުދަ 18:49
ގައުމީ ލީގުގެ ތެރެއިން
ގައުމީ ލީގުގެ ތެރެއިން
އަދަދު
ގައުމީ ވޮލީބޯޅަ ލީގު 2022
ސިފައިން ބަލިކޮށް، ސިޓީން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި
ލީގު ހޯދުމަށް ސިޓީއަށް ބޭނުންވަނީ ފަހު މެޗުގައި ކުލަބް ވެމްކޯ އަތުން އެންމެ ސެޓެއް

ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް ސްޕޯޓްސްް ކުލަބް ސިޓީން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.

ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ސިފައިން ބަލިކޮށް އެ ޓީމު ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައެެވެ. ހަތަރު މެޗުން ވެސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެހެންކަމުން ލީގު ހޯދުމަށް އެ ޓީމަށް ދެން ބޭނުންވަނީ ފަހު މެޗުގައި ކުލަބް ވެމްކޯ އަތުން އެންމެ ސެޓެކެވެ. ނުވަތަ ލީގުގައި ދެން ވެމްކޯއަށް ބާކީ އޮތް ތިން މެޗުން އެ ޓީމަށް ސެޓެއް ގެއްލިއްޖެނަމަވެސް ސިޓީއަށް ލީގު ލިބޭނެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ހަރްދީފްއާއި ވިނީތުގެ ބާރު ހަމަލާތައް ވަނީ ފެނިފައެވެ. މީގެ އިތުރުން އެ ޓީމުގެ ސެޓަރު ވިޔާނަކް ސެޓުކޮށްދޭ ބޯޅަތަކުގައި ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ވެސް ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފައެވެ. ފުރަތަމަ ސެޓު އެއްވަރުކޮށް ގޮސް ސިޓީން ލީޑު ނެގީ ފަހު ވަގުތުއެވެ. ސިޓީން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-21ންނެވެ. ދެ ވަނަ ސެޓު ފަށައިގެން ކުރީކޮޅު ސިޓީން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. މި ސެޓުގައި ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް)ގެ ހަމަލާތަކެއް ފެނުނު ނަމަވެސް އެ ޓީމަށް ލީޑު އަތުލެވޭ ގޮތެއް ނުވިއެވެ. މުޅިން ލީޑުގައި އޮވެ ސިޓީން ސެޓު ނިންމާލީ 25-18ންނެވެ.

ފުރަތަމަ ދެ ސެޓާ ޚިލާފަށް ތިން ވަނަ ސެޓުގައި ސިފައިން ވަނީ ކުރީކޮޅު ލީޑެއް ނަގާފައެވެ. ނަމަވެސް ހަރްދީފްއާއި ވިނީތުގެ ހަމަލާތަކުން ސިޓީ ވަނީ އެއްވަރުކޮށް ލީޑު ހޯދާފައެވެ. އެ ލީޑުގައި އޮވެ ސިޓީން ސެޓު ނިންމާލީ 25-20ންނެވެ. މެެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ހަރްދީފްއެވެ.

ލީގުގައި މިރޭ ކުލަބް ވެމްކޯ ނިކުންނާނީ ޕޮޮލިސް ކުލަބާ ދެކޮޅަށެވެ. ލީގު ހޯދުމުގެ ރޭހުގައި ސިޓީއާ ވާދަކުރަން ބޭނުންނަމަ، ވެމްކޯއިން މިރޭގެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރަން ޖެހޭނެއެވެ. ޕޮލިހުން މިރޭގެ މެޗުގައި ސެޓެއް ހޯދައިފިނަމަ، ސިޓީއަށް ލީގު ލިބޭނެއެވެ.

- ކޮމެންޓް