ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 09:07
ޕޮލިސް ކުލަބުގެ ކޯޗު ފައްލޯ
ޕޮލިސް ކުލަބުގެ ކޯޗު ފައްލޯ
ރާއްޖެ އެމްވީ
ްޤައުމީ ވޮލީބޯޅަ ލީގު 2022
ޒުވާން ޓީމެއްވީމަ، ހުރިހާ ކަމެއް ބެލެންސްކޮށް ރަނގަޅުކުރަން އަދި އުނދަގޫ: ފައްލޯ
މީގެ ކުރިން ރަނގަޅު ކުރަން ހުރި ބައެއް ކަންކަން ރަނގަޅު ކޮށްފި
ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް އެބަ ހުރި

ޕޮލިސް ކުލަބުގައޮ އޮތީ ޒުވާން ޓީމަކަށްވުމުން، ހުރިހާ ކަމެއް ބެލެންސްކޮށް ރަނގަޅުކުރަން އަދި އުނދަގޫކަމަށް އެ ޓީމުގެ ކޯޗު ފަތުހުﷲ ވަޙީދު (ފައްލޯ) ބުނެފިއެވެ.

ފައްލޯ މިހެން ބުނީ ޤައުމީ ލީގުގައި ހޯމަ ދުވަހުގެ ރޭ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އެ މެޗަށްފަހުއެވެ. ފައްލޯ ބުނީ އެ މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނުކަމަށާއި، ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް ފައްލޯ ބުނީ ޕޮލިސް ޓީމުން ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް އެބަ ހުރިކަމަށެވެ. މީގެ ކުރިން ރަނގަޅު ކުރަން ހުރި ބައެއް ކަންކަން ރަނގަޅު ކޮށްފިކަން ފާހަގަކޮށް ފައްލޯ ބުނީ، ފަރުތަކުރުންތަކުގައި ދެން ހުރި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ފައްލޯ ބުނީ ގުޑީސް ޓީމަކީ ދަށް ޓީމެއް ނޫން ކަމަށާއި، އެ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. ޕޮލިހަށް ކުރިއަށް އޮތީ ވަރުގަދަ މެޗުތަކެއް ކަން ފާހަގަކޮށް ފައްލޯ ބުނީ، އެކަން ބަލައިގެން ކުޅޭނެކަމަށެވެ.

ގުޑީސް ވެސް ދަށްދަށެއް ނޫން. ހަމަ ވަރަށް މޮޅު ސެޓަރެއް، ވަރަށް ރަނގަޅު ކުޅުންތެރިން ވެސް އެބަ ތިބި. ކުރިއަށް ހުރި މެޗުތަކަށް އަޅުގަނޑުމެން ފޯކަސް ކުރަން އެބަ ޖެހޭ. ކުރިއަށް އެބަ ހުރި ވަރަށް ވަރުގަދަ މެޗުތައް. އެހެންވީމާ، ކޮންމެ ޓީމަކަށްވެސް އެ ޓީމަކަށް ބަލައިގެން، ފޯކަސް ކޮށްގެން ކުޅެވޭތޯ ހަމަ މަސައްކަތް ކުރާނީ.
ފަތުހުﷲ ވަޙީދު (ފައްލޯ) / ޕޮލިސް ކުލަބުގެ ކޯޗު

ކުރިއަށް އޮތް މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފައްލޯ ބުނީ ކުރިން ވެސް ފާހަގަކުރި ގޮތަށް ވެމްކޯއަކީ ވަރަށް ބެލެންސް ޓީމެއް ކަމަށެވެ. ފައްލޯ ބުނީ ވެމްކޯއިން ޕާފޯމް ކުރަމުން އަންނަނީ ވަރަށް އެއްވަރުކޮށް ކަމަށެވެ. ފައްލޯ ބުނީ ވެމްކޯ މެޗަށް ނިކުންނީ ޕޮލިސް ޓީމު ޕާފޯމް ކުރަން ކަމަށެވެ. ޕޮލިސް ޓީމު ފޯކަސް ކުރާނީ ވެމްކޯ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަަލައިގެން ކަމަށް ވެސް ފައްލޯ ބުންޏެވެ.

މުބާރާތަށް ޕޮލިސް ޓީމުން ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް އެކުލަވާލިއިރު، އެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން އަންނަނީ މެޗު ތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެ ޓީމުގައި ހިމެނޭ މާއިޝް އަޙުމަދާއި ޙައިލަމް ހަސަން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމުގައި ދެން ހިމެނޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމުގައި ވެސް ހިމެނޭ އަޙުމަދު ނާފިޔު ހިމެނެއެވެ.

ޕޮލިސް އަދި ވެމްކޯ ބައްދަލުކުރާ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭގައެވެ.

- ކޮމެންޓް