ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 08:36
ޕޮލިސް ކުލަބް ކުޅުނު މެޗެއްގެ ތެރެއިން
ޕޮލިސް ކުލަބް ކުޅުނު މެޗެއްގެ ތެރެއިން
އަދަދު
ޤައުމީ ވޮލީބޯޅަ ލީގު 2022
ގުޑީސް ބަލިކޮށް ޕޮލިހަށް އުންމީދެއް
ޕޮލިހުން މެޗު ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުން

ޤައުމީ ވޮލީބޯޅަ ލީގުގައި ގުޑީސް ސްޕޯޓްސް ކުލަބް އަތުން މޮޅުވެ ޕޮލިސް ކުލަބުން އުންމީދު ހޯދައިފިއެވެ.

ލީގުގައި ޕޮލިސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ސްޕޯޓްސް ކުލަބް ސިޓީ އަތުން ބަލިވެފައެވެ. ގުޑީސް ވެސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސިޓީ އަތުން ބަލިވެފައެވެ. އެހެންކަމުން މި މެޗުވީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ޕޮލިސް ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. ޕޮލިހުންގެ ސެޓަރު މުތުސާމީ ހިއްލާ ބޯޅަ ތަކުގައި އެ ޓީމުގެ ބިދޭސީ ދެ އެޓޭކަރުންކަމަށްވާ އަކިން އާއި އަނޫ ދިޔައީ ބާރު ހަމަލާތަކެއް ފޮނުވަމުންނެވެ. ގުޑީސް ޓީމުގެ ބިދޭސީ އެޓޭކަރު ރިޔާޒުއްދީންގެ އިތުުރުން ހަސަން ނިލާމް (ޕާޓޭ) ވެސް ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ކާމިޔާބުކުރީ ގުޑީސްއަށް މާބޮޑު ފުރުސަތެއް ނުދީ މުޅިން ލީޑުގައި އޮވެގެންނެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-12 ންނެވެ. ދެ ވަނަ ސެޓު ފަށައިގެން ލީޑުގައި އޮވެ ޕޮލިސް ކުޅެމުން ދިޔަ ނަމަވެސް، ގުޑީސްގެ ރިޔާޒުއްދީންގެ ހަމަލާތަކުން އެ ޓީމު ނަތީޖާ ހަމަހަމަ ކުރިއެވެ. ގުޑީސްގެ ނިލާމާއި އަލީ އާމިރު (ދިގު އައްޔަ) ގެ އިތުރުން ރިޔާޒުއްދީންގެ މޮޅު ކުޅުމާއެކު ގުޑީސުން ވަނީ 25-23 ން ސެޓު ކާމިޔާބުކޮށްފައެވެ.

ނަމަވެސް ޖެހިގެން އައި ދެ ސެޓު ވެސް ކާމިޔާބުކުރީ ޕޮލިހުންނެވެ. ތިން ވަނަ ސެޓު ވާދަވެރިކޮށް ދިޔަ ނަމަވެސް، ވަކި ހިސާބަކުން ގުޑީސް އަށް ކުރި ހޯދޭ ގޮތެއް ނުވެއެވެ. ޕޮލިސް ޓީމުގެ އަނޫ ޖޭމްސް އާއި އަކިންގެ ހަމަލާތަކުން ޕޮލިހަށް ލީޑު ލިބެއެވެ. ލީޑު ހިފަހައްޓާ ޕޮލިހުން ތިން ވަނަ ސެޓު ހޯދީ 25-19 ންނެވެ. އެ ފޯމުގައި ނިކުމެ ޕޮލިހުން ވަނީ ހަތަރު ވަނަ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-18 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ އަނޫ ޖޭމްސްއެވެ.

ލީގުގައި މިއަދު ހަވީރު ސްޕޯޓްސް ކުލަބް ސިޓީ ނިކުންނާނީ އޮފު އެފްސީއާ ދެކޮޅަށެވ. މިރޭ އޮންނަ މެޗުގައި ކުލަބް ވެމްކޯ ނިކުންނާނީ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

- ކޮމެންޓް