ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 18:48
އެންމެ ބޮޑު އެއް ދައްޗަކީ ކޮންސްޓްރަކްޝަން ސާމާނު ނުލިބުމާއި، ލަކުޑީގެ އަގު ބޮޑުވުން
އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުން
ބިންހެލުމުގައި ބިމާ ހަމަވި ގެ ކޮޅަށްޖަހާނެ ތަނަވަސްކަމެއް އަތަކު ނެތް!
 
ގެ އިމާރާތް ކުރަން ބޭނުންކުރާ ލަކުޑީގެ އަގު އުޅެނީ ހާހުން މަތީގައި
 
ބިންހެލުމުގެ ސަބަބުން 10000އެއްހާ ގެ ވަނީ ކޮންމެވެސް ވަރަކަށް، ނުވަތަ މުޅިން ހަލާކުވެ ސުންނާފަތިވެފައި

20 އަހަރަށް ދިގުލައިގެންދިޔަ ހަނގުރާމައަކަށް ފަހު ހިންދެމިނުލެވި އުޅެނިކޮށް، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ މުށުތެރޭގައި ބަންދުވި އަފްޣާނިސްތާނުގެ އާންމު ރައްޔިތުންނަށް އަނެއްކާވެސް މިވަނީ އިތުރު ހިތްދަތި ކަމަކަށް ކެތްކުރަން ޖެހިފައެވެ. މިދިޔަ ބުދަ ދުވަހުގެ މެންދަމުގެ ވަގުތުގައި އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000ށްވުރެ މައްޗަށް އަރައި، ޒަޚަމްވީ މީހުންގެ އަދަދު 3000ށްވުރެ މައްޗަށް އަރާފައިވާއިރު، އެތައް ހާސް ގެއެއް ވަނީ ބިމާ ހަމަވެފައެވެ.

އަފްޣާނިސްތާނުގެ ޑިޒާސްޓަރ މިނިސްޓްރީގެ ތަރުޖަމާނު، މުހައްމަދު ނާޒިމު ހައްގާނީ ހާމަކުރިގޮތުގައި، 10000އެއްހާ ގެ ވަނީ ކޮންމެވެސް ވަރަކަށް، ނުވަތަ މުޅިން ހަލާކުވެ ސުންނާފަތިވެފައެވެ.

ދަތިކަމާއި ތަކުލީފު ކުރިމަތިވި ކަމުގައި ވީނަމަވެސް ގާޔާން ޑިސްޓްރިކްޓްގެ ރަށްވެހިންގެ ހިތްވަރު އިންތިހާއަށް ގަދައެވެ. އެ ސަރަހައްދުގެ ރައްޔިތުން، ދިރިއުޅުން އާރާސްތުކުރުމުގެ އަޒުމައިގެން ތެދުވީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް އެކަންވެސް މާ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭ ގޮތެއް ނުވެއެވެ. އިވެމުން ދަނީ ކޮންސްޓްރަކްޝަން ސާމާނު ނުލިބުމާއި، ލަކުޑީގެ އަގުބޮޑުވުމުގެ ޝަކުވާއެވެ.

ލަކުޑި ވަރަށް އަގުބޮޑު. އަހަރުމެންގެ ގެއެއް ނެތް. ސުންނާފަތިވެއްޖެ. އަހަރަމެން މިތިބީ ބާޒާރުގަ. އެކަމަކު ލަކުޑިއެއް ނުލިބޭ. ނޫނީ ނިކަން އަގުބޮޑު. އަގު އުޅެނީ އެތައް ހާހަކުން މަތީގަ. އަހަރުމެންގެ ތުއްތުތުއްތު ދަރިން އެބަތިބި. ބޯހިޔާވަހިކަމެއް ނެތް. މޫސުން އެހާމެ ގޯސް. އެހާ ވިއްސާރަ. ޗަކަ ހެދިފަ. ގޮދަން ފުށެއް ނުލިބޭ. ލިބެން ހުރި ތަނެއްގަ ވިއްޔާ ބަސްތާއެއް ވިއްކަނީ 6 ހާސް ނުވަތަ 7 ހާސް އާފްޣާނީސްއަށް. އަހަރުމެންގެ ގެތައް ވަނީ ސުންނާފަތިވެފަ. ވިޔަފާރިއެއް ނެތް. ވަޒީފާއެއް ނެތް. މިހާރުން މިހާރަށް އަހަރުމެންނަށް އެހީވާން އިމާރާތީ ސަރުކާރަށް ގޮވާލަން.
އަކްބަރު - ގާޔާންގެ ރަށްވެއްސެއް

"އިސްލާމީ އިމާރާތަކީ" އޯގަސްޓް 2021ގައި އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގުމަށްފަހު ތޯލިބާން ޖަމާއަތުން އަމިއްލައަށް ދީފައި ވާ ނަމެކެވެ.

ރެކްޓަަރ މިންގަނޑުން 6.1ގެ ބާރުމިނުގައި ވަރުގަދަ ބިންހެލުން އައި ފަރުބަދަމަތީ ސަރަހައްދުގައި މީހުން ވަޒަންވެރިވެފައިވަނީ ދުރު ހިސާބުތަކުގައެވެ. އެއީ އަފްޣާނިސްތާނުގައި ހަނގުރާމަކުރި ދުވަސްވަރު، ކުރިމަތިލުންތަކުގެ މައިދާނެއްވެސްމެއެވެ.

ބިންހެލުމުގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަކީ މިއަދު ތަކުލީފެކެވެ. މުވާސަލާތީ ޚިދުމަތުގެ ފެންވަރު ދަށްކަމާއި، ދަތުރުފަތުރަށް އޮތް މަގުތަކުގެ ފެންވަރު ދަށްކަމުން، މީހުން ސަލާމަތްކުރުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަކީވެސް ގޮންޖެހުމެކެވެ.

އަފްޣާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުން ނެގުމާއެކުހެން ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އަފްޣާނިސްތާނު ބާކީކޮށް، އެކަހެރިކޮށްފައެވެ. އދ.އާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރުންނެވެ. ނަމަވެސް ތޯލިބާން ޖަމާއަތުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ. މި ބިންހެލުމަކީ ތޯލިބާން ސަރުކާރަށް އިމްތިހާނެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރާއިރު، ބައިނަލްއަގުވާމީ އެހީދޭ ޖަމްއިއްޔާތަކުން މިހާރު ވަނީ އަފްޣާނިސްތާނަށް އެހީ ދޭންފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް