ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 11:21
ބިންހެލުމުގެ ސަބަބުން އެތައް ހާސް ބައެއްގެ އާންމު ދިރިއުޅުން ހުއްޓުމަކަށް އައިއިރު، ރަޙްމާނުﷲގެ ގެ ވެސް ބިމާ ހަމަވި ގެތަކުގެ ތެރޭގައި ހިމެނޭ
އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުން
އަފްޣާނިސްތާން ހިމޭންކޮށްލި ބިންހެލުމުގެ ވާހަކަ، ދަރިވަރެއްގެ ދުލުން
 
ރެކްޓާ މިންގަނޑުން 6.1 ގެ ބާރުމިނުގައި ވަރުގަދަ ބިންހެލުމެއް
 
ބިންހެލުމުގައި 10000 އެއްހާ ގެއަކަށް ގެއްލުން ވެފައިވޭ
 
މަރުވި މީހުންގެ އަދަދު 1000 އިން މައްޗަށް އަރާފައިވާ އިރު، ޒަހަމްވީ މީހުންގެ އަދަދު 3000 އަށް ވުރެ މައްޗަށް އަރާ

އެ ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހަށް ފެށިގެން އައިތާ މާ ގިނަ އިރުތަކެއް ނުވަނީހެނެވެ. 20 އަހަރުވީ ހަނގުރާމައެއްގައި ސުންނާފަތިވެ އެތައް ގޮތަކުން ހާލުގައި ޖެހިފައި އޮތް އަފްޣާނިސްތާނަށް، ރެކްޓާ މިންގަނޑުން 6.1 ގެ ބާރުމިނުގައި ވަރުގަދަ ބިންހެލުމެއް އައެވެ. މަރުވި މީހުންގެ އަދަދު 1000 އިން މައްޗަށް އަރާފައި ވާ އިރު، ޒަހަމްވީ މީހުންގެ އަދަދު 3000 އަށް ވުރެ މައްޗަށް އަރައެވެ. އިތުރު އެތައް ހާސް ބައެއްގެ އާންމު ދިރިއުޅުން ހުއްޓުމަކަށް ގެނުވިއެވެ. ކިސަޑު ޗަކައިން ހަދާފައި ހުންނަ ގެތަށް ގިނަ އެ ސަރަހައްދު މުޅިންހެން ހަފުސްވިއެވެ.

އުމުރުން އެންމެ 17 އަހަރުގެ ރަޙްމާނުﷲއަކީ އެ ދުވަހުގެ އެ ބިރުވެރި ތަޖުރިބާތައް ކުރި ދަރިވަރެކެވެ.

އެއީ މެންދަމުން އަލިވެ 01:30 ހާ އިރު. ބިންހެލެން ފެށިއިރު އަހަރަމެން ތިބީ ނިދާފަ. އަހަރަމެން ހޭލައިގެން އަވަހަށް، ދުވެފަ ތިރިއަށް ފޭބީ. އަހަރަމެންނާ އެކު ކުޑަކުދިންވެސް ތިބި. އަހަރެންގެ އަޚެއް ނިދާފަ އޮތީ އަނެއް ކޮޓަރީގަ. އިމާރާތުން ވެއްޓުނު ބައިތަކުގެ ދަށުގަ އޭނަ ތާށިވި. އޭނަ ސަލާމަތް ކުރަން އަހަރަމެން މަސައްކަތް ކުރިން
ރަޙްމާނުﷲ؛ އަފްޣާނިސްތާނުގެ ދަރިވަރެއް

އެ ހާދިސާގައި އޭނާގެ އާއިލާތަގެ އެތައް ބަޔަކަށް އެކި ވަރުގެ ޒަހަމްތައް ލިބުނުއިރު، އޭނާ ނިސްބަތް ވާ އަވަށުން އެތައް ބައެއްގެ ފުރާނަ ގެއްލިދިޔައެވެ.

ބިންގަނޑު ހެލިގަތީ ވަރަށް ބާރަށް. އަހަރަމެން މިތީބީ ފުން ހިތާމައެއްގަ. ބުނާނެ އެއްޗެއްވެސް ނޭނގެ. ވެއްޓުނު އިމާރާތްތަކުގެ ދަށުގަ ގިނަ ބަޔަކު ތާށިވި. މަސްރަހު ވަރަށް ގޯސްކޮށް އޮތީ. އަހަރެންގެ 2 އުޚުތަކާއި އަޚެއްވެސް، ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވި. އަހަރަމެންގެ މި އަވަށުން އެކަނިވެސް 1310 މީހުން މަރުވި
ރަޙްމާނުﷲ؛ އަފްޣާނިސްތާނުގެ ދަރިވަރެއް

ގައުމުގެ އާންމު ހާލަތުވެސް އިންތިހާއަށް ދެރަ ކަމުން، ބިންހެލުމުގައި އަނިޔާ ލިބުނު މީހުންނަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާގެ ކަންކަން ހަމަޖެއްސޭނެ އިންތިޒާމެއް އަފްޣާނިސްތާނުގައި ނެތެވެ. ރައްޔިތުން ތިބީ އިންތިހާ މާޔޫސްކަމާއި ހާސް ކަމުގެ ތެރޭގައެވެ.

އަހަރަމެން ހާސް ނުވާންވީ ކީއްވެ؟ އަހަރެންގެ އާއިލާއިން 2 މީހުން ޒަހަމްވީ. ކޮންމެ ގެއަކުންވެސް ހައެއްކަ އަށެއްކަ މީހުން އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި ތާށިވި. މިއީ ވަރަށް ހިތްދަތި ވަގުތެއް. އަހަރަމެންގެ ގެއިން މީހަކު މަރެއް ނުވޭ. އެކަމަކު އަނިޔާވި ބައިވަރު މީހުންނަށް. ވަރަށް ސީރިއަސް ހާލަތަށްވެސް މީހުން ދިޔަ. އެކަމަކު، ކުރިއާ ބަލާފަ، މިހާރު ހާލު ރަނގަޅު
ރަޙްމާނުﷲ؛ އަފްޣާނިސްތާނުގެ ދަރިވަރެއް

ބިންހެލުމުގައި 10000 އެއްހާ ގެއަކަށް ގެއްލުން ވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ކާރިސާތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަ ކޮށްފައެވެ. ރަޙްމާނުﷲގެ ގެއަކީވެސް ބިމާ ހަމަވި ގެތަކުގެ ތެރޭގައި ހިމެނޭ ގެއެކެވެ.

އެހެން ގެއެއް އަޅާހާ ތަނަވަސްކަމެއް އަހަރަމެން އަތަކު ނެތް. މުޅި އެރޭ ވިއްސާރަ ކުރި. ކުޑަކުދިން ދިޔައީ ރޮމުން. މުޅި ރޭ އަހަރަމެން ތިބީ ވެހެމުން ދިޔަ ވާރޭގެ ތެރޭގަ. އަތަކު އެއްވެސް އެއްޗެއް ނެތް. ދިރިއުޅޭނެ ތަނެއް ނެތް
ރަޙްމާނުﷲ؛ އަފްޣާނިސްތާނުގެ ދަރިވަރެއް

މުއާސަލާތީ ހިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ. ތަރައްގީވެފައިވާ ނުވާ ސަރަހައްދެއް ކަމުން، އެހީގެ ތަކެތި ހިފައިގެން ދަތުރު ކުރުމަކީވެސް ދަތިކަމެކެވެ. އެކަށީގެންވާ އާލާތްތައް ގާއިމުވެފައި ނެތުމުން އިންސާނީ އެހީ ފޯރުކޮށްދިނުމަކީވެސް އަފްޣާނިސްތާނުގައި ވަނީ ތަކުލީފަކަށް ވެފައެވެ.

އިންސާނީ އެހީގެ ފަންޑިންގްގެ އިތުރުން އެ ގައުމަށް ބޭނުންވާ އެކި ކަހަލަ ފޯރުކޮށްދިނުމަށް އދއިން ކުރަމުން ދާ މަސައްކަތްތަކަށް، އަފްޣާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާނުން ހުރަސް އަޅަމުން ދާ ކަމަށް، އދގެ އެހީއާ ބެހޭ އިސްވެރިޔާ، މާޓިން ގްރިފިތްސް، އދގެ ސަލާމަތީ މަޖިލީހަށް ދަންނަވައިފިއެވެ.

20 އަހަރުވީ ހަނގުރާމައެއް ކުރުމަށްފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިޔަތާ 2 ހަފުތާއެއްހާ ދުވަސް ފަހުން އޯގަސްޓް 2021 ގައި ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގި ހިސާބުން، އެ ގައުމަށް އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ބޭންކުތަކުން ފަސްޖެހެއެވެ. އެމެރިކާ ފަދަ ބާރުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރުންނެވެ. ނަތީޖާއެއްގެ ގޮތުން އދއާއި އެނޫންވެސް އެހީދޭ ޖަމިއްޔާތަކަށް ވަނީ، އަފްޣާނިސްތާނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
25%
75%
0%
0%
0%
ކޮމެންޓް