ޖުޑީޝަލް ޑިސްޓްރިކްޓާއި، ޑިސްޓްރިކްޓް ކޯޓާއި ސަރކިޓް ކޯޓުތައް އުފެއްދޭގޮތަށް ދިވެހިރާއްޖޭ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. މަޖިލީހަށް ބިލު ހުށަހަޅުއްވަމުން ނިހާދު ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ގާއިމްވެފައިވާ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އަދުލުއިންސާފު ހިމެނޭ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމެވެ.
އަދި ޤާނޫނުން ކަނޑައެޅޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށާއި، ކޮންމެ ޖުޑިޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ ސަރކިޓްތަކެއް ގާއިމްކުރުމަށާއި، މެޖިސްޓްރޭޓުން ވަކި ކޯޓަކަށް އައްޔަންކުރާގޮތަށް އޮތް އުސޫލު ބަދަލުކޮށް، މެޖިސްޓްރޭޓުން އައްޔަން ކުރާނީ ކަނޑައެޅޭ ސަރކިޓްތަކަށް ކަމުގައި ހަމަޖެއްސުމަށާއި، ކޯޓުތައް ހިންގުމާއި ގުޅޭ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހަރުދަނާ ކުރުމަށްޓަކައި ކަމަށް މެންބަރު ނިހާދު ވިދާޅުވިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅަނީ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދާ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތް ފުރިހަމަ ކުރުމަށްފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
ދިވެހިރާއްޖޭ ކޯޓުތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ސުޕްރީމްކޯޓު ހިންގުމާ ގުޅޭ އުސޫލުތައް ހިމެނެއެވެ. އެގޮތުން ސުޕްރީމްކޯޓުގައި ހިންގާ މައްސަލަތަކުގެ ޙުކުމް އިއްވުމުގެ އުސޫލުތައް ބަޔާންކުރުމާއި، ސުޕްރީމްކޯޓުގެ އަމިއްލަ އިސްނެގުމުގައި 'ސު-މޯޓޯ' އުސޫލުން މައްސަލަ ބެލުމަށް މިހާރު ޤާނޫނުން ލިބިދޭ ބާރު އުނިކުރުން ހިމެނެއެވެ. އަދި ރަޖިސްޓްރާރ ކަމަށް ޢައްޔަންކުރެވޭ މީހަކު، އަދި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުމަށް އުއްތަމަފަނޑިޔާރު ޢައްޔަންކުރާ ފަރާތުން އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުއްތަމަ ފަނޑިޔާރަށް ޖަވާބުދާރީވާންވާނެ ކަމަށް ބަޔާންކޮށް، ރަޖިސްޓަރާރގެ ނިންމުން އަލުން ބަލައިދިނުމާބެހޭ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.
އަދި ހައިކޯޓު ހިންގުމާ ގުޅޭ އުސޫލުތަކުގެ ތެރޭގައި ހައިކޯޓުން އިސްތިއުނާފީ މައްސަލައިގެ ހުރިހާ ލިޔުންތައް ފޮނުވައިދިނުމަށް ދަށު ކޯޓުގައި އެދުމުން، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ ލިޔުންތައް ހައިކޯޓަށް ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، އެފަދަ މައްސަލަތަކަކީ އަވަސް ނިޔާގެ މައްސަލައެއްނަމަ، ގިނަވެގެން 7 ދުވަހުގެ ތެރޭގައި ނުވަތަ ހައިކޯޓުން ކަނޑައަޅާ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އެ ލިޔުންތައް ހައިކޯޓަށް ފޮނުވަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ހައިކޯޓުގައި ހިންގާ މައްސަލަތަކުގެ ޙުކުމް އިއްވުމުގެ އުސޫލުތައް ބަޔާންކުރުމާއި މީގެ އިތުރުން، ހައިކޯޓުގެ ރަޖިސްޓްރާރ ކަމަށް ޢައްޔަންކުރެވޭ މީހަކު، އަދި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުމަށް ހައިކޯޓުގެ އިސްފަނޑިޔާރު ޢައްޔަންކުރާ ފަރާތުން އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިސްފަނޑިޔާރުއަށް ޖަވާބުދާރީވާންވާނެ ކަމަށް ބަޔާންކޮށް، ރަޖިސްޓަރާރގެ ނިންމުން އަލުން ބަލައިދިނުމާބެހޭ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ.
ސުޕީރިއަރ ކޯޓު ހިންގުމާގުޅޭ އުސޫލުތަކުގެ ތެރޭގައި ކޮންމެ ސުޕީރިއަރ ކޯޓެއްގައިވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢައްޔަނުކުރާ އިސް ޤާޟީއަކު ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މި ބިލުގެ ދަށުން އުފައްދާ ޑިސްޓްރިކްޓް ކޯޓުތަކަކީ ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭނެ ކޯޓެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރު، ކޯޓަށް ހުށަހެޅޭ މައްސަލަތައް ޤާޟީންނާ ޙަވާލުކުރާނީ ރަޖިސްޓްރާރ ކަމުގައި ކަނޑައަޅާފައިވެއެވެ.
އަދި މީގެ އިތުރުން، ސުޕީރިއަރ ކޯޓުގެ ރަޖިސްޓްރާރ ކަމަށް ޢައްޔަންކުރެވޭ މީހަކު، އަދި ރަޖިސްޓްރާރގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުމަށް ހައިކޯޓުގެ އިސްފަނޑިޔާރު ޢައްޔަންކުރާ ފަރާތުން އެ ފަރާތުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ކޯޓެއްގެ އިސް ޤާޟީއަށް ޖަވާބުދާރީވާންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ޖުޑީޝަލް ޑިސްޓްރިކްޓް އަދި ޑިސްޓްރިކް ކޯޓު އުފެއްދުމާއި ގުޅޭގޮތުން އިސްލާހުގައި ބުނެފައިވަނީ ސުޕީރިއަރ ކޯޓެއްގެ ގޮތުގައި ޑިސްޓްރިކް ކޯޓު ތަޢާރަފްކޮށްފައިވާނެ ކަމަށެވެ. އަދި ޑިސްޓްރިކްޓް ކޯޓު ޤާއިމުކުރާނީ، މާލެ، ކުޅުދުއްފުށި އަދި އައްޑޫ ޖުޑީޝަލް ޑިސްޓްރިކްޓްތަކުގައާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅައި ޖުޑީޝަލް ޑިސްޓްރިކްޓްތަކުގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، ޑިސްޓްރިކް ކޯޓު ޤާއިމުކުރާނެ ޖުޑީޝަލް ޑިސްޓްރިކްޓެއް ކަނޑައަޅަންވާނީ ވަކި ކަންކަމަށް ބެލުމަށް ފަހުގައި ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ކަންކަމުގެ ތެރޭގައި ސަރަޙައްދެއްގެ ޖުޑީޝަލް ދާއިރާތަކުގެ އާބާދީ ވީ އެންމެ ބޮޑަކަށް ހަމަހަމަކުރެވޭނެ ގޮތެއްގެ މަތިންނާއި، އެ ސަރަޙައްދުގެ ކޯޓުތަކަށް މައްސަލަ ހުށަހެޅޭނެ ނިސްބަތް އަދި ކޯޓު ޤާއިމްކުރާ ރަށުގައި ވަސީލަތްތައް ޤާއިމުކުރެވިފައިވާ ނިސްބަތް ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ސަރަޙައްދެއްގައި ޑިސްޓްރިކްޓް ކޯޓެއް ޤާއިމުކުރެވިއްޖެ ހިނދެއްގައި، އެ ޑިސްޓްރިކް ކޯޓެއްގެ އިޙްތިޞާޞްގައި ހިމެނޭ މައްސަލަތައް ދެން ބަލާނީ، އެ ސަރަޙައްދެއްގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގެ ބަދަލުގައި އެ ޑިސްޓްރިކްޓް ކޯޓަކުން ކަމުގައި ކަނޑައަޅާފައިވެއެވެ.
މެޖިސްޓްރޭޓް ކޯޓުގެ ބައިގައި ބިލުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން ބަދަލުކޮށް، މެޖިސްޓްރޭޓް ކޯޓު ޤާއިމުކުރާނީ މާލެއާއި، ޑިސްޓްރިކްޓް ކޯޓެއް ޤާއިމުވެފައިވާ ރަށްރަށް ފިޔަވައި، އެނޫން ރަށްރަށުގައި ކަމަށް ކަނޑައަޅާފައިވެއެވެ. އަދި، ސަރކިޓްތަކުގައި ހިމެނޭ ރަށްރަށުގެ ތެރެއިން މެޖިސްޓްރޭޓެއް ޤާއިމުވެ ހުންނާނެ ރަށްތައް ކަނޑައަޅާނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ، މެޖިސްޓްރޭޓެއް ޤާއިމުވެ ނުހުންނަ ރަށްރަށުގައި ޝަރީޢަތްތައް ހިންގާނީ، އެ ސަރކިޓަށް ނިސްބަތްވާ މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ މެޖިސްޓްރޭޓުންކަމަށް ބަޔާންކޮށްފައިވެއެވެ.
ޖުޑީޝަލް ދާއިރާތަކާއި ސަރކިޓްތައް ކަނޑައެޅުމުގައި ބުނެފައިވަނީ ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ސަރކިޓްތަކެއް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެގޮތުން ސަރކިޓަކީ، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި، އިދާރީ ބޭނުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ވަކި ދާއިރާއެއް ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި، ސަރކިޓްތަކަށް ނިސްބަތްވާ މެޖިސްޓްރޭޓުން ކަނޑައަޅަންވާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަމުގައިކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.
މައްސަލަ ބޭއްވުމުގެ ކުރިން ޝަރީޢަތުން ބޭރުގައި ޙައްލު ހޯދުމާއި ގުޅޭގޮތުން އިސްލާހުގައި ބުނެފައިވަނީ ދަށު ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރިޢަތް ބޭއްވުމުގެ ކުރީގައި ޚަސްމަކު އެދޭނެމަ، ޙަސްމުން ހާޒިރުކޮށް، ސުލްޙައިގެ މަޖިލީހެއް ބާއްވައި، ޝަރީޢަތުން ސުލްޙަވެރި ޙައްލެއް ހޯދައިދިނުމަށް މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު އުވާލާފައިވެއެވެ. އަދި ޑިސްޓްރިކްޓް ކޯޓު ތަޢާރަފުކުރުމާ ގުޅިގެން ކޯޓުތަކުގެ އިޚްތިޞާޞަށް ބަދަލު އަންނާނެތީ އެބަދަލުތައް ގެނައުމަށް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކުރާ ޤާނޫނުގެ ޖަދުވަލުތައް އިޞްލާޙުކޮށްފައިވެއެވެ.