ކ. މާލެ
|
20 ޖޫން 2022 | ހޯމަ 21:29
ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޮސެފް ބޮރެލް
ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޮސެފް ބޮރެލް
ރޮއިޓާސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ރަޝިއާއިން ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރިޔަނުދީ ހިފަހައްޓާ ހިފެހެއްޓުމަކީ ހަނގުރާމައިގެ ޖަރީމާއެއް: އީޔޫ
ގޮވާމުގެ ބާވަތްތައް ހިފައިގެން ދަތުރުކުރާ އުޅަނދުތައް ދަތުރުކުރުމަށް ބްލެކް ސީ ހުޅުވާލުމަށް ބޮރެލް ވަނީ ރަޝިއާއަށް ގޮވާލައްވާފައި
ބޮރެލް ވަނީ، ޔޫކްރެއިންގައި އެތައް މިލިއަން ޓަނުގެ ގޮވާން އެކްސްޕޯޓްނުކުރެވި ހުރިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ބަނޑަށް ޖެހެމުންދާކަމަށް ވިދާޅުވެފައި
މިއީ ހަނގުރާމައިގެ ޖަރީމާއެއްކަމަށް ބޮރެލް ވިދާޅުވި

ރަޝިއާއިން ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރިޔަނުދީ ހިފަހައްޓާ ހިފެހެއްޓުމަކީ ހަނގުރާމައިގެ ޖަރީމާއެއްކަމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޮސެފް ބޮރެލް ވިދާޅުވެއްޖެއެވެ.

ބޮރެލް މިހެން ވިދާޅުވެފައިވަނީ ހޯމަ ދުވަހު ކުރިއަށްދިޔަ އީޔޫގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި އީޔޫގެ މެމްބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ވަނީ، މިހާރު ދުނިޔެއަށް ދިމާވެފައިވާ ކާބޯތަކެތީގެ ކާރިސާއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޔޫކްރެއިނަކީ ދުނިޔޭގެ މާކެޓަށް އެންމެ ގިނަ އަދަދަކަށް ގޮދަން ސަޕްލައިކުރާ އެއް ގައުމެވެ. ނަމަވެސް ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ތެރޭގައި އެގައުމުމުގެ ގޮވާމުގެ ބާވަތްތަކުގެ 20 މިލިއަން ޓަނު އެކްސްޕޯޓް ނުކުރެވި ހިފެހެއްޓިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާގުޅިގެން ޔޫކްރެއިނާއި އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން ތުހުމަތުގެ އިނގިލި ރަޝިއާއަށް ދިއްކުރަމުން ދިޔަނަމަވެސް، ރަޝިއާއިން ވަނީ މިތުހުމަތުތައް ދޮގުކޮށްފައެވެ. ރަޝިއާއިން ބުނަމުންދަނީ ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް ބަދަލު އައިސް، މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަކީ ހުޅަނގުގެ ގައުމުތަކުން އެގައުމަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދިމާވާ ކަންތައްތައް ކަމަށެވެ.

ބޮރެލް ވަނީ، ގޮވާމުގެ ބާވަތްތައް ހިފައިގެން ދަތުރުކުރާ އުޅަނދުތައް ދަތުރުކުރުމަށް ބްލެކް ސީ ހުޅުވާލުމަށް ރަޝިއާއަށް ގޮވާލައްވާފައެވެ. އޭނާ ވަނީ ޔޫކްރެއިންގައި އެތައް މިލިއަން ޓަނުގެ ގޮވާން އެކްސްޕޯޓްނުކުރެވި ހުރިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކު ބަނޑަށްޖެހެމުންދާކަމަށް ވިދާޅުވެފައެވެ. މިއީ ހަނގުރާމައިގެ ޖަރީމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޖޫން 8 ވަނަ ދުވަހު، ރަޝިއާގެ ފޮރިން މިނިސްޓަރު ސެރްގެއި ލެވްރޮވް ވަނީ، ގޮވާން އެކްސްޕޯޓްކުރުމުގެ މައްސަލަ ހައްލުކުރުން އޮތީ ޔޫކްރެއިންގެ އަތްމަތީގައިކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްކާތެރިކަމާއެކު ބޯޓުފަހަރަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ބްލެކްސީގެ ބަނދަރުތަކާ ކައިރިވެވޭ މަގުގައި ހުރި މައިންތައް ޑިމައިން ކުރަންޖެހޭ ކަމަށް ލެވްރޮވް ވަނީ ވިދާޅުވެފައެވެ. ރަޝިއާގެ ފަރާތުން މިކަމުގައި ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށްފައިވާނެ ކަމަށްވެސް ލެވްރޮވް ވިދާޅުވިއެވެ.

އީޔޫއިން ވަނީ، އދ.ން މެދުވެރިވެގެން ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރުމަށް މަގުފަހިކުރުމަށް ރަޝިއާއާއެކު މަޝްވަރާކުރުމަށް އެޖަމްއިއްޔާއިން ތާއީދުކުރާކަމަށްވެސް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް