ކ. މާލެ
|
20 ޖޫން 2022 | ހޯމަ 19:14
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ
ރޮއިޓަރސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
މިހަފުތާގައި އޮންނަ އީޔޫ ސަމިޓާގުޅިގެން ރަޝިއާގެ ހަމަލާތައް ވަރުގަދަވާނެ: ޒެލެންސްކީ
މިހަފުތާގެ ބުރާސްފައްޗާއި ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އީޔޫގެ ސަމިޓުގައި ޔޫކްރެއިނަށް އެޖަމިއްޔާގެ މެމްބަރުކަން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ
ފެބްރުއަރީ 24ގައި ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަމަލާދޭންފެށިތާ 4 ދުވަހުގެތެރޭގައި ޔޫކްރެއިނުން ވަނީ އީޔޫގެ މެމްބަރު ގައުމަކަށް ވުމަށް އެދި ހުށަހަޅާފައި
ޒެލެންސްކީ ވަނީ މިހަފުތާގައި ރަޝިއާގެ ހަމަލާތައް ވަރުގަދަވާނެކަމަށް ބަލައި، އެކަމަށް އެގައުމުން ތައްޔާރުވަމުންދާކަމަށް ވިދާޅުވެފައި

މިހަފުތާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޔޫރަޕިއަން ޔޫނިއަންގެ ސަމިޓާ ދިމާކޮށް، ރަޝިއާއިން ޔޫކްރެއިންގައި ދެމުންދާ ހަމަލާތައް ވަރުގަދަވާނެކަމަށް އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެގައުމުން ޔޫރަޕިއަން ޔޫނިއަންއާ ގުޅުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން، މިހަފުތާގައި ބާއްވަން ހަމަޖެހިފައިވާ އީޔޫ ސަމިޓާ ދިމާކޮށް ރަޝިއާއިން އެގައުމުގެ އުތުރުގެ ސަރަހައްދު ހިފުމަށް ކުރަމުންދާ މަސައްކަތުގައި ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމަށް ވިދާޅުވެފައެވެ.

އާދީއްތަ ދުވަހުގެ ރޭ ޒެލެންސްކީ ދެއްވި ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ، މިހަފުތާގައި ރަޝިއާގެ ހަމަލާތައް ވަރުގަދަވާނެކަމަށް ބަލައި އެކަމަށް އެގައުމުން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރެއިނުން އޮތީ ރަޝިއާގެ އަސްކަރިއްޔާއާ ކުރިމަތިލާން ތައްޔާރަށް ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަމަލާދޭން ފެށިތާ ހަތަރު ދުވަހުގެތެރޭގައި ޔޫކްރެއިނުން ވަނީ އީޔޫގެ މެމްބަރު ގައުމަކަށް ވުމަށް އެދި ހުށަހަޅާފައެވެ. ޔޫރަޕިއަން ކޮމިޝަނުން ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން ދިނުމަށް ހުށަހަޅާފައި ވަނީ ފާއިތުވި ހުކުރު ދުވަހުއެވެ.

މިހަފުތާގެ ބުރާސްފައްޗާއި ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އީޔޫގެ ސަމިޓުގައި އެޖަމިއްޔާގެ 27 މެމްބަރު ގައުމުން، ޔޫކްރެއިނަށް އެޖަމިއްޔާގެ މެމްބަރުކަން ދިނުމާ ގޮތުން ގޮތެއް ނިންމާނެއެވެ. އީޔޫގެ މެމްބަރުކަން ޔޫކްރެއިނަށް ދޭން ނިންމިނަމަވެސް ރަސްމީކޮށް އެޖަމްއިއްޔާގެ މެމްބަރު ގައުމަކަށް ވުމަށް ޔޫކްރެއިނަށް އެތައް އަހަރެއް ނަގާނެއެވެ.

ޔޫކްރެއިނުން އީޔޫގެ މެމްބަރު ގައުމަކަށް ވެއްޖެނަަމަ، ޔޫކްރެއިނުގައި ރަޝިއާއިން "ޚާއްސަ އަސްކަރީ ހަރަކާތެއް" ފެށުމަށް މެދުވެރިވި އެއް ސަބަބުގެ ގޮތުގައި ރަޝިއާގެ ރައީސް ލެޑްމިއަރ ޕުޓިން ފާހަގަކުރައްވާ، "ހުޅަނގުގެ ގައުމުތައް ރަޝިއާގެ ބޯޑަރާ ކައިރިވިއަ ނުދިނުމަށް" ހުރަސްއެޅިގެންދާނެއެވެ.

އެހެންނަމަވެސް ހުކުރު ދުވަހު ޕުޓިން ވަނީ ޔޫކްރެއިން އީޔޫއާ ގުޅުމުގައި ރަޝިއާގެ އެއްވެސް ހުރަހެއް ނެތްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިކަންތައް ރަޝިއާއިން ގާތުން ބަލަމުންދާކަމަށް ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް ވަނީ ވިދާޅުވެފައެވެ.

ހަނގުރާމައިގެ މަރުހަލާގައި މިހާރު ރަޝިއާއިން މަސައްކަތްކުރަމުން ދަނީ އިރުމަތީ ޑޮންބަސްގެ ސަރަހައްދުތައް އެގައުމުގެ ބާރުގެ ދަށަށް ގެންދިއުމަށެވެ. މީގެ ތެރޭގައި ރަޝިއާއަށް ވާގިވެރިވާ ސެޕަރޭޓިސްޓުންގެ އަތްދަށުގައި ހުރި ބައެއް ސަރަހައްދުތައްވެސް ހިމެނެއެވެ.

މިވަގުތު ރަޝިއާގެ އަސްކަރިއްޔާގެ އަމާޒު އެންމެ ބޮޑަށް ހުއްޓިފައިވާ އެއް ސަރަހައްދަކީ ލުހާންސްކްގެ އިންޑަސްޓްރިއަލް ސިޓީއެއް ކަމަށްވާ ސިއެވިއެރޮޑެނެސްކެވެ. އާދިއްތަ ދުވަހު ރަޝިއާއިން ވަނީ މެޓީއޮކިން އަވަށް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް ބުނެފައެވެ. ރަޝިއާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އެސަރަހައްދުގައި ހަރަކާތްތެރިވާ ޔޫކްރެއިންގެ ބައެއް އޮފިސަރުން އަމާންދީފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ލުހާންސްކްގެ ގަވަރުނަރު ސެރީ ގައިޑައި ވަނީ ރަޝިއާއިން ސިއެވިއެރޮޑެނެސްކްގެ 20 މޭލުން ބޭރުން ދެކުނުގައި އޮންނަ ޓޮޝްކިވްކާއަށް ދެމުންދާ ހަމާލާތަކުގައިވެސް ކާމިޔާބު ހޯދަމުންދާކަމަށް ވިދާޅުވެފައެވެ. ރަޝިއާގެ ނޫހުކަން ވަނީ އެގައުމުގެ އަސްކަރިއްޔާއިން ޓޮޝްކިވްކާ މިނިވަން ކޮށްފައިވާކަމަށްވެސް ރިޕޯޓުކޮށްފައެވެ.

ސިއެވިއެރޮޑެނެސްކްގެ މޭޔަރު، އޮލެކެންޑަ ސްޓްރަކްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން، ރަޝިއާގެ އަސްކަރިއްޔާއިން މިހާރު ވަނީ އެސިޓީގެ ތިންބައިކުޅަ ދެބައި ސަރަހައްދު އެގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ރެޒިޑެންޝަލް ސަރަހައްދުތައް ހިމެނޭއިރު، މުޅި ސިޓީގެ ކޮންޓްރޯލު ހޯދުމަށް ރަޝިއާ އަސްކަރިއްޔާއިން މަސައްކަތްކުރަމުންދާކަމަށް މޭޔަރު ފާހަގަކުރައްވައެވެ.

މޭޔަރު ވަނީ، އެސަރަހައްދުގައި ހަރަކާތްތެރިވާ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ބޭނުންވާ އިތުރު ހަތިޔާރާއި ވަޒަން ލިބެންދެން އެސަރަހައްދު ރަޝިއާގެ އަސްކަރިއްޔާގެ އަތަށް ދިޔަނުދީ ހިފަހައްޓާލެވިއްޖެނަމަ، އެސިޓީގައި މިހާރު ކުރަމުންދާ ހަމަލާ ބަދަލުކުރުންތަކުން މޮޅުވުމުގެ ފުރުސަތު އެބައޮތްކަމަށް ވިދާޅުވެފައެވެ.

ލުހާންސްކްގެ ގަވަރުނަރާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން، އެސަރަހައްދުގައި ހިމެނޭ ސިއެވިއެރޮޑެނެސްކްގެ ޓްވިން ސިޓީ، ލިސިޗަންސްކަށް ރަޝިއާއިން ދިން ހަމަލާތަކުގެ ސަބަބުން އާންމުން ދިރިއުޅޭ އިމާރާތްތައް ވަނީ ހަލާކުވެފައެވެ. އޭނާ ވަނީ ބޮމުގެ ޝެލްޓަރުތަކާއި މަގުތައްމަތީގައި އާންމުން މަރުވަމުންދާކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް