ކ. މާލެ
|
20 ޖޫން 2022 | ހޯމަ 14:49
ޒިނެދީން ޒިދާން
ޒިނެދީން ޒިދާން
ޓްވިޓަރ
ޕެރިސް ސެއިންޓް ޖާމަން
ޒިދާން ޕީއެސްޖީގެ ކޯޗުކަމުގެ މަގާމާ ހަވާލެއް ނުވާނެ
މިވަގުތު އޭނާގެ ފޯކަސް ހުރީ ވޯލްޑް ކަޕަށްފަހު ފްރާންސްގެ ގައުމީ ޓީމަށް އިރުޝާދު ދިނުމަށް

ފްރާންސްގެ ފުޓްބޯޅަ ލެޖެންޑު ޒިނެދީން ޒިދާން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗުކަމާ ހަވާލުނުވާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފްރާންސްގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޕީއެސްޖީން އަންނަ ސީޒަނަށް އެ ޓީމުގެ ކޯޗުކަމަށް ޒިދާން ހަމަޖައްސަން ބޭނުންވި ނަމަވެސް އޭނާ އެ މަގާމާ ހަވާލެއް ނުވާނެއެވެ. އަދި މިވަގުތު އޭނާގެ ފޯކަސް ހުރީ މިއަހަރުގެ ފަހުކޮޅު ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށްފަހު ފްރާންސްގެ ގައުމީ ޓީމަށް އިރުޝާދު ދިނުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ފްރާންސްގެ ރައީސް އިމެނުއެލް މެކްރޯން ވަނީ ޒިދާން ޕީއެސްޖީއަށް ކޯޗުކޮށްދެން އޭނާ ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. ޒިދާން ޕީއެސްޖީއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ގަދަވީ އެހިސާބުންނެވެ. ނަމަވެސް ޒިދާންގެ އެޖެންޓު އޭރު ބުނީ ޕީއެސްޖީއާއެކު މިހާތަނަށް އެއްބަސްވުމެއް ނުހަދާކަމަށެވެ. ޕީއެސްޖީން އަންނަނީ އެ ޓީމުގެ ކޯޗުގެ މަގާމުގައި މިހާރު ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރަން މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުން ވަނީ ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ވެސް އައު މީހަކު ހަމަޖައްސާފައެވެ. އަދި އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ ޓީމުގައި މަޑުކުރަން ނިންމުމުން، ޕީއެސްޖީގެ ރައީސް ބުނީ އަންނަ ސީޒަނަށް ޕީއެސްޖީ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް