ރާއްޖޭގެ މުޖާހިދު ބިން ޔަޒީދަކީ މިހާރު ކުރިއަށްދާ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި ކުޅުންތެރިއެކެވެ. މުޖާހިދު ވަނީ މި މުބާރާތުގައި ސްޓޭންޑާޑް ޓޯނަމެންޓްގެ އޯޕަން އަންޑަރ 18 ކެޓަގަރީގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ކެންޑިޑޭޓް މާސްޓަރ މަނޯން ރީޖާ ނީރް ބަލިކޮށްފައެވެ. ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނީ މި ހިސާބުންނެވެ.
ނަމަވެސް މީގެ ކުރިންވެސް މުޖާހިދު ވަނީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގައި ރާއްޖޭގެ ތިންވަނަ ހޯދީވެސް މުޖާހިދެވެ. ރާއްޖޭގެ ރާޒުވާގައި އޭނާ ފާހަގަ ކުރެވިފައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ކުޅުންތެރިޔާގެ ގޮތުގައެވެ.
ޓިއުޝަން ކްލާހުގައި، ރައްޓެހިން ރާޒުވާ ކުޅޭތަން ފެނި ރާޒުވާއަށް ހިތްޖެހުނު މުޖާހިދަށް މި ދާއިރާގައި ކުރިއެރުމަށް ލިބުނު އެންމެ މުހިންމު ވަގުތަކީ ކޮވިޑުގެ ސަބަބުން މާލެ ފުރަބަންދު ކުރި ދުވަސްކޮޅެވެ. ލޮކްޑައުން ތެރޭގައި މުޖާހިދު ވަނީ ގިނަ ވަގުތު ރާޒުވާ ކުޅުމުގައި ހޭދަކޮށް، ވަރަށް އަވަސް ކުރިއެރުމެއް ހޯދާފައެވެ.
ލޮކްޑައުން ތެރޭގައި ވަރަށް ބައިވަރު ޗެސް މުބާރާތްތައް މަޑުޖެހުމަކަށް އައި. އެކަމަކު އަޅުގަނޑު ހަމަ ގިނައިން ގޭގައި ޕްރެކްޓިސްތައް ހިންގޭތޯ ބެލިން. ގާތްގަނޑަކަށް ފަސް ގަޑިއިރަށްވުރެ ގިނައިރު ޕްރެކްޓިސް ކުރަން އޭރު ވަގުތު ލިބޭތީ ލޮކްޑައުން ތެރޭގައިމުޖާހިދު ބިން ޔަޒީދު | ރާއްޖޭގެ ޗެސް ކުޅުންތެރިއެއް
މުޖާހިދު ބުނީ ޗެސްގައި އޭނާއަށް ކުރިއަރައި ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާގެ ފަރާތުން ކަމަށެވެ. އާއިލާގެ ފަރާތުން މިކަމަށް ލިބޭ އެހީތެރިކަމާ އެއްވަރަށް ފަރިތަކުރުންތަކުގައި ގިނަ ވަގުތު ހޭދަކުރުމުގެ މުހިންމުކަން މުޖާހިދު ފާހަގަކުރިއެވެ.
ނަމަވެސް އެހެން ކުޅިވަރުތަކާ އަޅާ ބަލާއިރު، ރާޒުވާ ކުޅުންތެރިންނަށް މުޖުތަމައުގެ ފަރާޓުން ލިބޭ ސަޕޯޓް ކުޑަކަން މުޖާހިދު ފާހަގަކުރިއެވެ. އޭނާ ބުނީ ގައުމު ތަމްސީލު ކުރުމުގައި ރާޒުވާ ކުޅުންތެރިން ކުރާ މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި މެޗު ކުޅެމުންދާއިރު އެސަރަހައްދުގައި ސަޕޯޓް ކުރަން ނުތިބެވުނަސް، ގިނަ ބަޔަކު މެޗުތައް ލައިވްކޮށް ބެލުމުން ބޮޑު ހިތްވަރެއް ލިބޭ ކަމަށް މުޖާހިދު ބުންޏެވެ.
އަޅުގަނޑުގެ މަންމައާ ބައްޕައާ ވަރަށް ސަޕޯޓްދޭ މިކަމަށް. ޗެސްގެ ކަމެއްގަ ވިއްޔާ ހަމަ ވަގުތުން ފޮނުވާނެ. އެއީ ވަރަށް އުފާވާ ކަމެއް އަސްލު.މުޖާހިދު ބިން ޔަޒީދު | ރާއްޖޭގެ ޗެސް ކުޅުންތެރިއެއް
މުޖާހިދު ބުނީ ރާއްޖޭގެ ތިންވަނައިން ފުއްދާލެވެން ނެތް ކަމަށެވެ. އޭނާގެ އަމާޒަކީ ރާއްޖޭގެ އެއްވަނަ ހޯދުމުގެ އިތުރުން ރާއްޖޭގެ ގްރޭންޑް މާސްޓަރ ޓައިޓަލް ހޯދުމެވެ.