ކޮންމެ ކުޅިވަރެއްގައިވެސް ކުޅުންތެރިންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރަން ވަނަތަކެއް ހޯދުމެވެ. މުބާރާތެއް ނަމަ އެމުބާރާތް ކާމިޔާބު ކުރުމެވެ. އެކުޅިވަރެއްގައި ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ.
މި ހުރިހާ ކަމެއް ހާސިލް ކުރުމުގައިވެސް އެންމެ ބޮޑު ސިއްރަކީ ހުއްޓުމެއް ނެތި ކުރާ މަސައްކަތެވެ. ކަމަށް ކަމޭހިތައިގެން ކުރާ ފަރިތަކުރުންތަކެވެ. މި ފަރިތަކުރުންތަކާއި ބުރަ މަސައްކަތުގެ ނަތީޖާއަކީ ހަމައެކަނި ރަން ވަނަތަކެއް ނޫނެވެ. މީގެ ސަބަބުން ކުޅުންތެރިންގެ ދިރިއުޅުމަށް އެކި ކަހަލަ އަސަރުތައް ކުރެއެވެ.
އެގޮތުން މިފަހަރު މިއޮތީ ކުޅިވަރުގެ ސަބަބުން ކިޔެވުމުގައި ކުރިއަށްދާން އިތުރު ބާރެއް ލިބުނު ކުޅުންތެރިއެއްގެ ވާހަކައެވެ. ކިޔާން މުހައްމަދު އުސާމަތަކީ ކުޑައިރުން ފެށިގެން ރާޒުވާ ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އުމުރުން ހަތަރު އަހަރުގައި ރާޒުވާގެ ތެރެއަށް އެންމެ ފުރަތަމަ ވަދެވުނީ މަންމައާ ބައްޕަވެސް ކުޅޭ ކުޅިވަރަކަށް ވާތީއެވެ. ރަސްމީކޮށް މުބާރާތްތަކުގައި ބައިވެރިވަން ފެށީ ގްރޭޑު ދޭކުން ފެށިގެންނެވެ.
މިހާރު ކުރިއަށްދާ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ކިޔާންގެ އުންމީދަކީވެސް މުބާރާތުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމެވެ. ކިޔާން ގަބޫލުކުރާ ގޮތުގައި މި މުބާރާތަކީ އޭނާއަށް ރަނގަޅު ފިލާވަޅެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ކުދިންނާއި ވާދަކުރިއިރު، މީގެ ކުރިން ނޭންގޭ ގިނަ އެއްޗެހިތަކެއް ދަސްވިކަން ކިޔާން ފާހަގަކުރިއެވެ.
ކޮންމެ މެޗަކުންވެސް އަޅުގަނޑަށް ވަރަށް ގިނަ އެއްޗެހި ދަސްވެފަވޭ. އަޅުގަނޑުގެ މިސްޓޭކްސްތަކާ އަދި އޭގެ އިތުރުން އޮޕޯނެންޓްސް ކުޅޭ ގޮތުންވެސް އަޅުގަނޑަށް ވަރަށް ގިނަ އެއްޗެހި ދަސްވޭ.ކިޔާން މުހައްމަދު އުސާމަތު | ރާއްޖޭގެ ރާޒުވާ ކުޅުންތެރިއެއް
ކުޅުމާއި އެއްވަރަށް ކިޔާން އަންނަނީ ކިޔެވުމަށްވެސް މަސައްކަތް ކުރަމުންނެވެ. ރާޒުވާއަކީ ސިކުނޑި ވަރަށް ބޮޑަށް ހުޅުވާލާ ކުޅިވަރަކަށް ވާއިރު، ކިޔާން ބުނީ އޭގެ ސަބަބުން ކިޔެވުމަށްވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާ ކަމަށެވެ. އަދި މީގެ އިތުރުން މުހިންމު ނިންމުންތައް ނިންމުމުގައިވެސް ރާޒުވާ ވަރަށް ބޮޑަށް އެހީތެރިވެދޭކަން ކިޔާން ފާހަގަކުރިއެވެ.
އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުގައި ޗެސް ކުޅޭތީ އަޅުގަނޑުގެ ކިޔެވުމަށްވެސް ވަރަށް ބޮޑު ކާމިޔާބީތަކެއް ލިބިފައިވޭކިޔާން މުހައްމަދު އުސާމަތު | ރާއްޖޭގެ ރާޒުވާ ކުޅުންތެރިއެއް
ދުވާލަކު ގާތްގަނޑަކަށް ދެގަޑިއިރު ރާޒުވާ ކުޅުމުގައި ހޭދަކުރާ ކިޔާންއަކީ ރާޒުވާގެ އިތުރުން ބާސްކެޓް އަދި ފުޓްބޯޅަ ކުޅުންތެރިއެއްވެސްމެއެވެ. ނަމަވެސް އޭނާގެ ޚާއްސަ ސަމާލުކަމެއް އަބަދުވެސް ރާޒުވާ ކުޅުމަށް ހުރެއެވެ. ކިޔާން ބުނީ އެހެން ކުޅިވަރުތަކާ އެއްވަރަށް ރާޒުވާ ކުޅޭ ކުޅުންތެރިންނަށްވެސް އެންމެންގެ ސަޕޯޓަކީ ނުހަނު މުހިންމެ އެއްޗެއް ކަމަށެވެ.
ހަމައެކަނި ރާޒުވާ ކުޅުުގެ ބަދަލުގައި ކިޔާން އަންނަނީ ރާޒުވާގެ ތެރެއަށް ވަންނަން ބޭނުންވާ ކުދިންނަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. ކިޔާން ފާހަގަ ކުރި ގޮތުގައި އޭނާ ރާޒުވާ ކުޅޭތަން ފެނުމުން ގިނަ ކުދިންތަކެއް މި ކުޅިވަރަށް ޝައުގުވެރިކަން ފާޅުކުރިއެވެ. ކިޔާން ބުނީ މިއީ ކޮންމެ ކުއްޖަކަށްވެސް ކުޅެވިދާނެ ކުޅިވަރެއް ކަމަށާއި، އެންމެ މުހިންމީ ޝައުގުވެރިކަމާއެކު މިކަން ކުރުން ކަމަށެވެ.
ކިޔާން ގަބޫލުކުރާ ގޮތުގައި އޭނާއަށް ރާޒުވާ ކުޅުމުގައި ކުރިއަރާ ދެވުމުގެ އަސްލަކީ ޝައުގުވެރިކަމާއެކު ކުރާ ބުރަ މަސައްކަތެވެ. އާއިލާއާ ރައްޓެހިންގެ ފަރާތުން ލިބެމުންދާ ހިތްވަރެވެ. އަދި ރާއްޖޭގެ ޗެސް އެސޯސިއޭޝަނުން މެދުކެނޑުމެއްނެތި ދެމުން އަންނަ އެހީތެރިކަމެވެ.