ރަށުގައި ޖާގަ ނެތުމުގެ ސަބަބުން، ނ. ހޮޅުދޫ ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، ސަރުކާރުން އަޅާ 30 ހައުސިންގ ޔުނިޓް އިމާރާތް ކުރާނީ އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ހޮޅުމީދޫގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހޮޅުދޫގައި ތަރައްޤީގެ އިތުރު މަޝްރޫއުތަކެއް މިހާރުވެސް ކުރިއަށް އެބަ ގެންދެވޭ ކަމަށެވެ. ހޮޅުދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ރަށް ގިރުމުގެ މައްސަލަ ކަމަށާއި، މިކަން ޙައްލު ކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާނެ ކަމަށެވެ.
އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ، ރައްޔިތުން އެދޭ ގޮތަށް މަޝްރޫޢުގެ ތެރެއަށް ވާޓަރުވެސް ހިމަނައިގެން ކަމަށާއި، މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުމުން، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ބިޑަށް ހުޅުވައިލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ ދަތިކަމަކީވެސް އަވަހަށް ޙައްލު ހޯދަންޖެހިފައި އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މި ރަށުގެ ފަޅުގައި ޖާގަ ނެތުމުން މިރަށުގެ ބިން އިތުރަށް ހިއްކޭކަށް ނެތް. މިރަށުގެ ރައްޔިތުން ބޭނުންވަނީ، މި ރަށުގައި އަޅަން ސަރުކާރުން މިވަގުތަ ނިންމާފައި އޮތް 30 ހައުސިންގ ޔުނިޓް، މިރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް، އެ ރަށް އާބާދުކުރަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން. އަދި އެރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައްވެސް ހަމައެއާއެކުގައި ޤާއިމުވެގެންދާނެރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ވިދާޅުވީ އެ ރަށުގައި ދެން ކުރިއަށް ގެންދަން ރާވައިފައިވާ އެންމެ ބޮޑު އަނެއް މަޝްރޫޢަކީ، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުން އަންނަ، ސާފު ބޯފެނުގެ ނިޒާމު ޤާއިމުކޮށް ނިމުމާއެކު، ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޢުމްރާނީ ތަރައްޤީގެ އިތުރުން، ތަޢުލީމް ހާސިލުކުރުމަށްވެސް، މުޅި ރާއްޖެއަށް ވަރަށް ފަހި ފުރުޞަތުތަކެއް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ، ރާއްޖޭގައި ތިބެގެން ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިވެފައި އޮތުން ކަމަށާއި، އެ ޕްރޮގްރާމްގެ ތެރެއިން ހޮޅުދޫން އެކަނިވެސް، 87 ދަރިވަރަކު ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ގެންދަވާ ކަމަށެވެ.
އަޅުގަނޑަށް ވިސްނޭ ގޮތުގައި އެންމެ ކާމިޔާބު ސްކޫލްތަކަކީ، ފަންނީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ހުނަރުވެރި ކުދިން އުފެއްދޭ ސްކޫލްތައް. މޭނާ ސްކޫލަކީ އެފަދަ ސްކޫލެއްކަން އަޅުގަނޑަށް ޔަޤީން. މި ރަށުގެ އިސް ރަށްވެހިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަކީވެސް، މި ސްކޫލުން ކިޔަވައިގެން މި ރަށުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުން. ދަރިފުޅު އިނގިލިކުރީގައި ލައިގެން، ސްކޫލް ދޮށަށް ދާ ފުރަތަމަ ދުވަހުން ފެށިގެން، ކޮންމެ ބެލެނިވެރިއެއްގެ ހިތުގައި، ހާމަނުކޮށް އޮންނަ ޢަޒުމަކީވެސް، ތިމާގެ ދަރިފުޅަކީ ޤާބިލު ހުނަރުވެރި ކުއްޖަކަށް ހެދުމުގެ ޢަޒުމް. ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދީގެން، ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ ބެލެނިވެރިންގެ އެ ޢަޒުމް ޙަޤީޤަތަކަށް ހަދައިދިނުމަށްރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ވިދާޅުވީ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް މިހާރު ހިންގާ މަޝްރޫޢުތައް ނިމެމުން ދާވަރަކަށް، ރަށްރަށުގައި ފަންނީ އެތައް ވަޒީފާއެއް އުފެދިގެންދާނެ ކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅަކީ، އެފަދަ ކޮންމެ ވަޒީފާއަކަށް، އެރަށެއްގެ ތަޢުލީމީ ދިވެހި ޒުވާނެއް ހަމަޖެހިގެން ދިއުން ކަމަށެވެ. އަދި މިއެދޭ ޙަޤީޤީ ތަރައްޤީ ރަށްރަށަށް ލިބެން ފަށާނީ އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ދަރިވަރުންނަކީވެސް، ޒިންމާދާރު ހަރުދަނާ ރައްޔިތަކަށްވުމަށް ބޭނުންވާނެ ހުނަރު ހޯދުމަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަކީ، އެ ސްކޫލްގެ އަމާޒުކަމަށް ކަނޑައަޅައިފައި އެބަ އޮތް ކަމަށެވެ. އަދި، މުޖުތަމަޢަށާއި ޤައުމަށް ފައިދާހުރި ރައްޔިތަކަށްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް، ހޮޅުދޫ ސްކޫލްގެ ދަރިވަރުން ތިބީ އިޤްރާރުވެގެން ކަމަށާއި، އެހެންކަމުން، ދަރިވަރުން ވެފައިވާ އިޤްރާރަށް ޙުރުމަތްތެރިކޮށް ހިތައި، މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެ، ދިވެހި ޤައުމަށް ވަފާތެރި ތެދުވެރި ދަރިންތަކަކަށް ވުމަށް، ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ރައީސް ސޯލިހު ވަނީ އިލްތިމާސްކުރައްވާފައެވެ.