ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިލަދުންމަޑުލު ދެކުނުބުރީގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ސިއްހީ ދާއިރާގެ ތަރައްގީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންވަނީ މި ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނެވި ހެޔޮބަދަލުތައް ފާހަގަކުރައްވާފައެވެ. ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ބޭނުންވާ މިންވަރަށް އިންސާނީ ވަސީލަތް ހަމަޖެހިފައި ނެތުމާއި އަދި ސިއްހީ ދާއިރާގެ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭކުރެވޭގޮތަށް ބަދަލުކުރެއްވުން ކަމުގައެވެ. އަދި އެ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ކަމާގުޅޭ ދާއިރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.